ކުރީ ސަރުކާރުން ފްލެޓް ދިން މީހުންގެ ނަންތައް ހާމަކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކުގައި ފްލެޓް ދީފައިވާ މީހުންގެ ނަންތައް މިއަދު ހާމަކޮށްފި އެވެ.


ފްލެޓް ލިބޭ މީހުން ކަނޑައަޅައި، ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައި ވިޔަސް ކުރީގެ ސަރުކާރުން އެއީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. ޒާތީ މައުލޫމާތު ހާމަ ނުކުރާނެ ކަމަށް ބުނެ އޭރު ހާމަކޮށްފައި ވަނީ ފްލެޓަށް އެދި ހުށަހެޅި ފޯމުގެ ނަންބަރު އެކަންޏެވެ.

"ހިޔާ މަޝްރޫއު" އާއި "ގެދޮރުވެރިކުރުމުގެ މަޝްރޫއު" އަދި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ކުރިއަށް ގެންދިޔަ ގޮތް މުރާޖައާކޮށް، ފްލެޓް ހައްގުވާ މީހުންނަށް ފްލެޓް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޓީން މިއަދު ވަނީ ސިވިލް ސާވިސް ކެޓަގަރީ ނޫން ހުރިހާ ކެޓަރީތަކުން ފްލެޓް ލިބުނު މީހުންގެ ނަމާއި އެޑްރެހާއި އައިޑީކާޑް ނަންބަރު ފަދަ ހުރިހާ މައުލޫމާތެއް ހާމަކޮށްފަ އެވެ. އަދި ބައެއް ކެޓަގަރީތަކުން، ލިބުނު ޕޮއިންޓް ވެސް ހާމަކޮށްފައިވެ އެވެ.

މީގެ ތެރޭގައި "ގެދޮރުވެރިކަން" ލިސްޓްގެ ގޮތުގައި އޮތީ މައްސަލަ ބޮޑުވި "މިނިސްޓާސް" ލިސްޓެވެ. އެއީ މިނިސްޓަރުން ކަނޑައަޅައި ވަކި ބަޔަކަށް އުސޫލުގެ ބޭރުން ފްލެޓް ދިން ކަމަށް ކުރިން އަޑު އަރާފައިވާ ލިސްޓެކެވެ.

ހާމަކޮށްފައިވާ މައުލޫމާތުގައި، ބައެއް މީހުންގެ މައުލޫމާތު ފުރިހަމައެއް ނޫނެވެ. ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ އިއުލާނުގައި ބުނެފައި ވަނީ އެއީ ފޯމު ނަންބަރު ނިސްބަތްވާ މީހުންގެ ތެރެއިން، އެ މަޝްރޫއެއްގެ ޑޭޓާބޭސްގައި މައުލޫމާތު ފުރިހަމަ ނުވާ ފަރާތްތައް ކަމަށެވެ.

ފްލެޓް ދިން ގޮތް ބަލައި، އިންސާފުން ފްލެޓް ދޫކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮމިޓީން މިއަދު ވަނީ ފްލެޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

ޝަކުވާ އަށް ހުޅުވާލައި، ފްލެޓް ލިބުނު މީހުންގެ މައުލޫމާތު ހާމަކޮށްފައި މި ވަނީ ފްލެޓް ލިބޭނެ ކަމުގެ ލިޔުން ކުރީގެ ސަރުކާރުން ދީފައިވާ މީހުންނަށް ފްލެޓް ކަށަވަރުވާނެތޯ ސުވާލުކުރުމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ތާވަލްކޮށްފައި ވަނިކޮށެވެ.