ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮތީ މައިމީހާ އާއި ދަރިއާ އޮތް ގުޅުން: އިމްރާން

ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮތީ މައިމީހާ އާއި ދަރިއާ ދެމެދު އޮތް ގުޅުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ޕޮލިސް ރިފޯމް ކުރުމުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރައްޔިތުންގެ ފާގަތިކަމަށްޓަކައި ހަރުދަނާކުރަން ޖެހޭ އެންމެ މުހިއްމު ތަނަކީ ފުލުހުންގެ މުއައްސަސާ ކަމަށެވެ. ރިފޯމްގެ މަސައްކަތް ނިމުމުން މުހިއްމު ބަދަލުތަކެއް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ފުލުހުންނަކީ އޯގާވެރިކަމާއި ހަމްދަރުދީ އާއި ކުލުނާ އެކު ގާނޫނު ތަންފީޒުކުރާ ބަޔަކަށް ހަދަންޖެހޭ ކަމަށެވެ. ގާނޫނު ތަންފީޒުކުރުމުގައި އާރެއް ބާރެއް ނެތް ބަޔަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ޕޮލިސް ރިފޯމްކުރުމުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ފުލުހުންގެ އޮފިސަރުންތަކެއް -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"ދިވެހި ރައްޔިތުންނަކީ މި މުއައްސަސާގެ ހަގީގީ މައިމީހާ،" މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުތައް ކަށަވަރުވެގެންދާނީ ފުލުހުންގެ މުއައްސަސާ ހަރުދަނާކުރެވުނު މިންވަރަކުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ގާބިލް މީހުން އެބަތިބި ކަމަށެވެ. ބޭނުންވަނީ މިނިވަންކަމާއި ގާބިލްކަމާ އެކު މަސައްކަތްކުރާނެ ރަނގަޅު މަގު ދައްކާނެ ބައެއް ކަން ފާހަގަކުރެއްވި އެވެ.

"...މި މަސައްކަތުގެ ނަތީޖާ ނިމިގެންދާއިރު ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް އިރާދަކުރެއްވިއްޔާ ވާނެ. ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ހެދޭނެ. ރައްޔިތުންގެ ލޯބި ލިބިގެންވާ މުއައްސަސާއަކަށް ހެދޭނެ،" އިމްރާން ވިދާޅުވި އެވެ.

ޕޮލިސް ރިފޯމްކުރުމުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ އިސް އޮފިޝަލުންތަކެއް ބައިވެރިވެވަޑައިގަންނަަވަނީ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ފާއިތުވި ދުވަސްތަކުގައި ފުލުހުން އަދާކޮށްފައިވަނީ ބުރަ މަސައްކަތެއް ކަމަށާއި ކޮންމެ އުނދަގޫ ވަގުތެއްގައި ހުރިހާ ބަދުނާމަކާއި ނިކަމެތިކަމެއް ނަގަންޖެހިފައި ވަނީ ފުލުހުން ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރެ އާއި ދުވާލު ކުރާ މަސައްކަތަށް ޝަރަފުވެރި އިއްޒަތްތެރި ބަހެއް ނުލިބި ދިއުން އެއީ ހިތާމަކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގާ ބާރު ލިބިފައިވާ ބައެއް ކަމަށާއި އެކަމަކު އޭގެ މާނައަކީ އަނިޔާވެރިވުން ނޫން ކަމަށް ވިދާޅުވި އެވެ.

"އޯގާތެރިވުމާއި ކުލުނާއި ހަމްދަރުދީއާ އެކީގައި ފުރިހަމަ ބާރާއެކީގައި ގާނޫނު ތަންފީޒުކުރަން ޖެހޭނީ،" އިމްރާން ވިދާޅުވި އެވެ.

މިއަދު ހަވީރުގެ ނިޔަލަށް ބާއްވާ މަހާސިންތާގައި ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކުން ބައިވެރިވެ އެވެ. އެ ތަންތަނުން ވެސް، ޕޮލިސް ރިފޯމް ކުރަން ބޭނުންވާ ކަންތައްތައް ހުށަހަޅާނެ އެވެ.