ފްލެޓުތަކާ ގުޅޭ ޝަކުވާ ހުށަހަޅާނީ ރައީސް އޮފީހަށް އެކަނި: ހައުސިން މިނިސްޓްރީ

ފްލެޓުތަކާ ގުޅޭ ޝަކުވާތައް ހުށަހަޅަން ޖެހޭނީ ރައީސް އޮފީހަށް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ހިޔާ މަޝްރޫއު އާއި ގެދޮރުވެރިކުރުމާއި ގުޅީފަޅު ހައުސިން ޕްރޮޖެކްޓާ ގުޅޭ މައްސަލަތައް ބަލަން ހާއްސަ ކޮމެޓީއެއް އުފައްދާފައިވާތީ، އެކަމުގެ ޝަކުވާތައް ހުށަހަޅާނީ ރައީސް އޮފީހަށް އެކަނި ކަމަށެވެ.

ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ގެންދިޔަ ގޮތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ޑިސެމްބަރު މަހު ކޮމެޓީއެއް އެކުލަވާލައްވައިފަ އެވެ. އެ ކޮމެޓީން ވަނީ ފްލެޓުތަކާ ގުޅޭ ޝަކުވާ މި މަހުގެ 25 ގެ ނިޔަލަށް ހުށަހަޅަން ހުޅުވާލައިފަ އެވެ.

"މި މަސައްކަތަކީ އިސްވެ ދެންނެވުނު ކޮމެޓީން ކުރައްވަމުން ގެންދަވާ މަސައްކަތަކަށް ވާތީ ޝަކުވާ ހުށަހަޅުއްވާ ފޯމު ބަލައިގަންނާނީ ރައީސް އޮފީހުން އެކަނިކަމުގައި ދަންނަވަމެވެ،" ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތައް ބަލާ ކޮމެޓީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކުގައި ފްލެޓް ދީފައިވާ މީހުންގެ ނަންތައް މިދިޔަ ހޯމަ ދުވަހު ހާމަކޮށްފަ އެވެ. ފްލެޓް ލިބޭ މީހުން ކަނޑައަޅައި، ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައި ވިޔަސް ކުރީގެ ސަރުކާރުން އެއީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. ޒާތީ މައުލޫމާތު ހާމަ ނުކުރާނެ ކަމަށް ބުނެ އޭރު ހާމަކޮށްފައި ވަނީ ފްލެޓަށް އެދި ހުށަހެޅި ފޯމުގެ ނަންބަރު އެކަންޏެވެ.