އުމަރުގެ ހަރަކާތް ބާއްވަން އެއްވެސް ތަނެއް ނުލިބުނު

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާ ދެކޮޅަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭވި ހަރަކާތް ބޭއްވުމަށް އެއްވެސް ތަނެއް ނުލިބުމުން ހަރަކާތް މިއަދު ފަސްކޮށްފި އެވެ.


އުމަރުގެ ފޭސްބުކް ޕޭޖްގައި މިއަދު ވިދާޅުވީ އިންޑިއާ ސިފައިންނާ ދެކޮޅަށް މާދަމާ ރޭ ދަރުބާރުގޭގެ ހަކުރާ މާލަމްގައި ބާއްވަން އުޅުނު ހަރަކާތް ފަސް ކުރަން ޖެހުނީ ސަރުކާރުން އެ ތަން ދޫނުކުރުމުން ކަމަށެވެ. އަދި ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ތަނެއް ލިބޭތޯ މަސައްކަތް ކުރުމުން ވެސް އެއްވެސް ތަނެއް ލިބިފައި ނުވާތީ އުމަރު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ހަމަހަމަކަމާ އެކު ދައުލަތުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ބުނި ސަރުކާރަކުން މި ކަމަށް ހުރަސް އަޅާތީ ހިތާމަ ކުރަން،" އުމަރުގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވެ އެވެ.

"ދެން މި އިވެންޓް އޮންނާނެ ތާރީހަކާއި ތަނެއް ފަހުން ދަންނަވާނަން."

އެނގިފައިވާ ގޮތުގައި ދަރުބާރުގެ ހަކުރާ މާލަން ހޯދުމަށް އުމަރު ވަނީ ޕްލޭނިން މިނިސްޓްރީ އަށް ސިޓީ ފޮނުވައިފަ އެވެ. އެކަމަކު، އެ ސިޓީގެ ޖަވާބުގައި ޕްލޭނިން މިނިސްޓްރީން ބުނީ ހުކުރު ދުވަހުގެރޭ މުހިންމު ކަމަކަށް ހަކުރާ މާލަން ބޭނުން ކުރަން ހަމަޖެހިފައިވާތީ އެ ތަން ދޫކުރެވެން ނެތް ކަމަށެވެ.

އިންޑިއާ ސިފައިންނާ ދެކޮޅަށް އުމަރު އިސްކޮށް ހުންނަވައިގެން، މީގެ ކުރިން ދަރުބާރުގޭގައި ހަރަކާތެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި އިދިކޮޅު ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އުމަރުގެ ހަރަކާތަށް ފާޑު ކިޔައި، އިންޑިއާ ސިފައިންގެ ނަން ނުގެނެސް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ބަޔަކު ފައްސާލަން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ "ހޮޅި" ވާހަކަތަކެއް ކަމަށެވެ. މާރިޔާގެ ވާހަކައިގައި އެ އިޝާރާތް ކުރެއްވީ އިންޑިއާ އިން ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރު ދުއްވަން އުޅޭ އިންޑިއާގެ ސިފައިންނަށް ކަމަށް ބެލެވެ އެވެ.

ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށް ގިނަ އަދަަދެއްގެ އިންޑިއާ ސިފައިން ތިބޭ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް އެންމެ ބޮޑަށް މިހާރު ވާކާލާތު ކުރައްވަނީ ވެސް އުމަރެވެ.