ޔާމީނާ މެދު އަމަލުކުރަނީ އިހާނެތިކޮށް، ގެއަށް ބަދަލުކޮށްދީ: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ޖަލުގައި އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށާއި އެމަނިކުފާނު ވީ އެންމެ އަވަހަށް ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޮންގްރެސްގެ ވަގުތީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.


ޝަރީއަތް ނިމެންދެން ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވަން ރިޝްވަތު ދޭ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ތުހުމަތު ކޮށްފައިވާތީ އެވެ. އެ އަމުރާ އެކު ޔާމީން މިހާރު ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގަ އެވެ.

ޕީޕީއެމް/ކޮންގްރެސް ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ޔާމީން ހައްޔަރުކޮށްފައި ހުންނަތާ ވިއްސަކަށް ދުވަސްވެފައިވާއިރު، ޔާމީނާ ދޭތެރޭގައި ވަރަށް ދެރަވަރުކޮށް ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ޖަލުގައި ބަންދުކުރި ފަހުން، މިހާތަނަށް އެއްވެސް ސުވާލެއް ޔާމީނާ ކޮށްފައި ނުވާތީ ދެ ޕާޓީން ކަންބޮޑުވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ "ކޮޓަރި ތެރޭގައި" ވަށައިގެން ކެމެރާ ހަރުކޮށްފައި ހުރުމުން "ނިދާ ހެދުން" ބަދަލު ކުރެވޭނެ ގޮތެއް ވެސް ޔާމީނަށް ނެތް ކަމަށެވެ.
ޔާމީން، ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި ދުވަހު، ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް (ކ) އަދި ބާރަށު ދާއިރާގެ މެމްބަރު ސުޖާއު އެ އިދާރާ ކައިރީގައި މަޑުކޮށްލައިގެން. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި، އައިޖީއެމްއެޗުން ޔާމީން ފަރުވާ ހޯއްދެވުމަށް ފަހު ޖަލަށް ގެންދިޔައިރު، ޑޮކްޓަރުގެ އިރުޝާދުތަކެއް ވެސް ވަނީ ލިބިފަ އެވެ. އެގޮތުން، ޑޮކްޓަރު އެންމެ ބޮޑަށް ލަފާ ދިން ކަމަކީ ޔާމީންގެ އަރިހުގައި މީހަކު އަބަދުވެސް ބަހައްޓަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން، ޔާމީނަކީ ދުވާލަކު ވަކި ގަޑިއެއްގައި ކަސްރަތު ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅަކަށް ވާއިރު، އެ ފުރުސަތު ޖަލުން އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ޔާމީން ހުންނަވާ "އެޕާޓްމަންޓް" ގެ ބޭރަށް ނުކުމެވަޑައިގަންނަވަން ހުއްދަ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތަނަށް ޓްރެޑްމިލްއެއް ގެންގޮސްފައި ހުންނަތާ ހަފުތާ އަކަށް ވުރެ ގިނަ ދުވަސްވެއްޖެ. އެ ރާވާލާ ދޭނެ މީހަކު ނުވެގެން މި ދިޔައީ ހަފުތާއެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ކޮޓަރި ތެރޭގައި" ވަށައިގެން ކެމެރާ ހަރުކޮށްފައި ހުރުމުން "ނިދާ ހެދުން" ބަދަލު ކުރެވޭނެ ގޮތެއް ވެސް ޔާމީނަށް ނެތް ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޔާމީން "އެކަހެރިކޮށްފައި" ހުންނަތާ ތިން ހަފުތާވީއިރު، އެމަނިކުފާނަށް ލިބިވަޑައިގަންނަވަނީ ހައްގު އަދަބެއް ނޫން ކަމަށެވެ. އަދި ޔާމީނާ މެދު ސުވާލެއް ނުކުރާތީ ސައީދު ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ކްރިމިނަލް ކޯޓުގެ އަމުރާ އެއްގޮތަށް، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ޔާމީން މާފުށީ ޖަލަށް ގެންދިއުމަށްޓަކައި ލޯންޗަށް އަރާވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޔާމީންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނުވާތީ، އެމަނިކުފާނު ވީ އެންމެ އަވަހަކަށް ގެއަށް ބަދަލުކޮށް ދިނުމަށް ސައީދު ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ. ސައީދު ވިދާޅުވި ގޮތުގައި ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހުށަހެޅުއްވި އެވެ. އެކަމަކު، މިއަދުގެ ނިއުސް ބްރީފިންގައި އަބްދުއްރަހީމް ވިދާޅުވީ ރައީސްގެ ފަރާތްޕުޅުން އެކަމުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބުނު ކަމަށެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޔާމީން ޖަލުން ނެރުމަށް ކުރަން ޖެހޭ މަސައްކަތްތައް ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ކުރަމުން އަންނަ އިރު، ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ އާ ގާނޫނުއަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ރައީސަކީ ޔާމީން ކަމަށްވީ އިރު، އިނާޔަތާއި ރައްކާތެރިކަން ދޭން ޖެހޭނީ ހަމައެކަނި ޔާމީނަށް ކަމަށެވެ.