ވިހެއުމުން ދޭ ޗުއްޓީ ސްޓެލްކޯ އިން ވެސް ހަ މަހަށް އިތުރުކޮށްފި

ދަރިއަކު ލިބުމުން ބެލެނިވެރިންނަށް ދޭ ޗުއްޓީ ސްޓެލްކޯ އިން ވެސް އިތުރު ކޮށްފި އެވެ.


އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި ހަ މަސް ދުވަސް ލިބޭނެ ކަމަށެވެ. އަދި ދަރިއަކު ލިބުމުން ފިރިހެނުންނަށް ޕެޓާނިޓީ ލީވްގެ ގޮތުގައި އެއް މަސް ދުވަސް ލިބޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ. އަދި މި ގެނައި ބަދަލުގައި، މިހާރު ޗުއްޓީގައި ތިބި މުވައްޒަފުން ވެސް ހިމެނޭނެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފެނަކަ އާއި އެސްޓީއޯ އިން ވެސް ވަނީ މިހާރު މިބަދަލު ގެނެސްފަ އެވެ.

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ، ހަ މަސް ދުވަހަށް އިތުރުކުރިކަން އިއުލާން ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީގައި ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ބަދަލު ގެނައުމުގެ ކުރިން ދަރިއަކު ލިބުމުން އަންހެނުންނަށް ޗުއްޓީގެ ގޮތުގައި ތިން މަސް ލިބޭ އިރު ފިރިހެނުންނަށް ލިބެމުން އައީ އެންމެ ތިން ދުވަހެވެ.

ވިހެއުމުން އަންހެނުންނަށް ލިބޭ ޗުއްޓީ އިތުރުކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުރިހަމަކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތްދެއްވި ވައުދެކެވެ.