ޔާމީން ބަންދުކުރި މައްސަލައިގެ އަޑުއެހުން މާދަމާ ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން މާދަމާ ހެނދުނު ފަށަން ހައިކޯޓުގައި ތާވަލްކޮށްފި އެވެ.


މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޔާމީންގެ ވަކީލް އަބްދުﷲ ސިޔާޒު މިއަދު ވިދާޅުވީ، ޔާމީން ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގެ އިސްތިއުނާފު އަޑުއެހުން ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. އެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 9:15ގަ އެވެ.

ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރި މައްސަލަައިގެ އިސްތިއުނާފްގެ އަޑުއެހުން ވެސް އޮތީ ހުކުމާ ހަމައިގަ އެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހަށް ހައި ކޯޓުގައި ޝެޑިއުލް ކުރި އަޑުއެހުން ވަނީ އިދާރީ ކަމަކާ ގުޅިގެން ކެންސަލްކޮށްފަ އެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތުގައި މިިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްޔަރުކޮށް އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހެވެ. މި ވަގުތު އެމަނިކުފާނު އޮންނެވީ ފަރުވާއަށް އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފަ އެވެ.