ރުކުމާގެ ނަން އަނބުރާ ނަގަން ނަޝީދު އެދިވަޑައިގެންފި

އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވުމުން އަމިއްލަގޮތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ގެ ނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.


ތޮއްޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ހަސަން ޝިޔާންގެ ކެމްޕެއިން ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން އިންތިހާބަށް ނެރެން ސުޕްރީމް ކޯޓު ލައްވާ ބަޔަކު މަސައްކަތްކޮށްފި ކަމަށެވެ. އެކަމަކު އެމްޑީޕީން ވާދަކުރާ 86 ދާއިރާގެ ތެރެއިން ދެރަ އަހުލާގު ހުރި ކަމަށް ފެނުނީ އެންމެ މީހެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރުކުމާއާ ވާދަކުރައްވައި އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރުކުރެއްވީ ވިޔަފާރިވެރިޔާ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އެވެ. އެ ޕްރައިމަރީއަށް ފަހު ރުކުމާ ވަނީ އެމްޑީޕީން ވެސް ވަކިވެވަޑައިގެންފަ އެވެ.

ނަޝީދު ވިދާޅުވީ ޝިޔާނާއެކު ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓް ފެނުމުން އެއީ ތަހުޒީބު ބައެއްކަމާއި ހަމަތަކެއް ގަބޫލުކުރާ ބައެއްކަން އެނގޭ ކަމަށެވެ. ތޮއްޑޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީން ބަލިވި ހަސަން ސަމީރު އަމިއްލަގޮތުން މަޖިލީހަށް ވާދަކުރައްވަން އުޅުއްވި ނަމަ ވެރިކަމުގެ ނިޒާމު ގަޑުބަޑުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އަންނަ މަހު ބާއްވާ އިންތިޚާބުގައި ވާދަކުރުމަށް ޕާޓީތަކުން ބޭއްވި ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިިދިޔަ މަހުގެ ފަހުކޮޅު ހުކުމް ކުރީ އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީން ނާކާމިޔާބުވި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރާއި އެހެން ދެ ބޭފުޅަކު ހުށަހެޅުއްވި މައްސަލައެއްގަ އެވެ. އެމްޑީޕީގެ ޕްރައިމަރީން ބަލިވި ހަތަރު ބޭފުޅަކު ވަނީ މި ހުކުމަށް ފަހު އަމިއްލަގޮތުން ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފަ އެވެ. އެއީ ރުކުމާގެ އިތުރުން އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވި އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި އަހުމަދު މުހައްމަދު (ފަޒާ އަހުމަދު) އާއި ކާށިދޫ ދާއިރާގެ ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގަތް ޖާބިރެވެ.

މެމްބަރު މުހައްމަދު އަބްދުލްކަރީމް: އޭނާ ވަނީ އަމިއްލަގޮތުން ވާދަކުރުމަށް ފޯމު ހުށަހަޅާފައި.--މިހާރު ފޮޓޯ:

އެކަމަކު އަމިއްލަގޮތުން ވާދަކުރަން ހުށަހެޅި ބޭފުޅުންގެ ތެރެއިން ނަޝީދުގެ ފާޑު ކިޔުން އެންމެ ބޮޑަށް އަމާޒުވެފައިވަނީ ރުކުމާއަށެވެ. އަހުލާގު ދަސްކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ އޭނާއަށް މީގެ ކުރިން ނަޝީދު ފާޑުވިދާޅުވެފައިވެ އެވެ.

ރުކުމާ ނަން އަނބުރާ ނުގެންދަވައިފި ނަމަ ހެންވޭރުގެ ހުރިހާ ގެއަކަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށާއި ގިނަ ވޯޓު ހޯދައި ގޮނޑި ކާމިޔާބުކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދުކުރަން އަހުމަދު ވެސް ވީހާ ވެސް އަވަހަކަށް ނުކުންނަވައި އޭނާ އަލުން އަނބުރާ ރިވެތި ގޮތަށް އެނބުރިއްޖެ ކަމަށް ބުނެ މި މަސައްކަތް އެތަނުގައި ނުކުރައްވާނެކަމަށް. ކުރައްވައިފިއްޔާ ހެންވޭރު ހުރިހާ ގެއަކަށް އަޅުގަނޑު ވަންނާނަން. އިރާދަކުރެެއްވިއްޔާ އަޅުގަނޑުމެން އެ ގޮނޑި މާ ބޮޑަށް ނަގާނަން،" ނަޝީދު ވިދާޅުވި އެވެ.

ކުރިއަށް އޮތް އިންތިޚާބު ވަރަށް މުހިއްމު ކަމަށާއި އެއީ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުމުން ބަޣާވާތް ކުރާތީ ކަމަށް ވެސް ވިދާޅުވި އެވެ. އާ ގާނޫނު އަސާސީއަށް ފަހު މަޖިލީހުގެ އަޣުލަބިއްޔަތާ ބަޣާވާތާ ވަރަށް ބޮޑަށް ގުޅޭ ކަމަށާއި އެ ގުޅުން ކުރިއަށް އޮތް ވިއްސަކަށް އަހަރަށް ދާނެކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.