މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް: އޭސީސީ

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އަންގައިފި އެވެ.


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީން ނެރުނު ރިޕޯޓުގައި، ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުންޏާ އެކު މަހްލޫފް މުއާމަލާތްތަކެއް ކުރެއްވި ކަން ހާމަވުމާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން މަހްލޫފް އެކަހެރި ކުރައްވައިފަ އެވެ. އެހެންވެ، މަހްލޫފް އަދިވެސް އޮފީހަށް ނުކުމެވަޑައެއް ނުގަންނަވަ އެވެ.

އެނގިފައިވާ ގޮތުގައި މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނުބަލާ ކަމަށް އޭސީސީން އެންގީ މަހްލޫފް މިދިޔަ އަންގާރަ ދުވަހު އެ ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގެ ޖަވާބުގަ އެވެ. އޭނާގެ ކޮރަޕްޝަންގެ މައްސަލައެއް މިހާތަނަށް ބަލާފައިނުވާ ކަމަށާއި އަދި ބަލަމުން ނުދާ ކަމަށް ވެސް މަހްލޫފު ސިޓީ ފޮނުއްވި ދުވަހު އޭސީސީން ދިން ޖަވާބުގައި ވެ އެވެ

މަހްލޫފްގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް ވެސް އެ މައްސަލައިގައި ގޭގައި މަޑުކުރަން ރައީސް އޮތީ އަންގަވައިފަ އެވެ. އެ ބޭފުޅުންގެ މައްސަލައިގައި ފާހަގަވި ކަންކަން އޭސީސީން މިހާރު އޮތީ ރައީސަށް ފޮނުވައިފަ އެވެ.

މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އޭސީސީގެ ތަފްސީލީ ރިޕޯޓުގައި ވެ އެވެ. އެކަމަކު، މަހްލޫފު ވިދާޅުވަނީ އެއީ ސައްހަ މުއާމަލާތެއް ކަމަށެވެ.

މަހްލޫފުގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެސްއޯއެފުން ޖަމާކުރި ފައިސާ އަކީ އޭނާގެ އާއިލާ އިން ހިންގި ފިހާރަ އަކަށް ޑޮލަރު ހޯދުމަށްޓަކައި ކޮއްކޮ އަކު މެދުވެރިވެގެން، ނަގުދު ފައިސާ ދީގެން އެސްއޯއެފް އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެއް ކަމަށެވެ. އަދި އެކަމުގެ މުއާމަލާތް ހިންގިއިރު ބަދަލުކުރި ލިޔުންތައް ވެސް އޭނާ ވަނީ އޭސީސީއާ ހިއްސާ ކުރައްވައިފަ އެވެ.

"... އެ މުއާމަލާތަކީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮށްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެކެވެ،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއާ މިދިޔަ އަހަރުގެ ނޮވެމްބަރު 12 ގައި ސޮއިކުރެއްވި މަހްލޫފްގެ ބަޔާނުގައި ވެ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ