11 މީހުންނާ އެކު އައްޑޫ "އަލްމާ" ބޯޓް ފަރަށް އަރައިފި

މާލޭން ފުރައިގެން އައްޑޫ މީދު އަށް ދަތުރުކުރި އެ އަވަށު "އަލްމާ" ބޯޓް ރޭ މެންދަމު އެ އަވަށު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށް ދޭން ފަށައިފި އެވެ.


އެންއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ރޭ 2:57 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން، ބޯޓު ފަރަށް އެރި ސަރަހައްދަށް ޑައިވަރުންނާ އެކު ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރާ ފަސް ބިދޭސީއަކާ ހަތަރު ދިވެހިންގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި ބިދޭސީއަކާއި ދިވެއްސެކެވެ. އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ބޯޓް ފަރަށް އިރު އިރު އޭގެ ވާތް ފަރާތުން ގާތްގަނޑަކަށް ތިން ފޫޓުހާތަން ވަނީ ފަޅައިގެން ގޮސްފައި ކަމަސް ވެސް އެމްއެންޑީއެފުން ބުންޏެވެ. ބޯޓު ފަރަށް އަރައި އަރި އަޅާލާފައިވާތީ ބޯޓުގައި ހުރި މުދާތައް އެހެން ދޯންޏަކަށް ހުސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން އަންނަނީ ކުރަމުންނެވެ.