ގްރޭޑު 9 އަށް ސޯޝަލް އަދި ޕީއީ ކިޔަވައިދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

ކީ ސްޓޭޖް ހަތަރެއްގައި ހިމެނޭ ގްރޭޑު 9 އަށް އަލަށް ތައާރަފުކުރި ސޯޝަލް ސްޓަޑީޒް އާއި ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން (ޕީއީ) ކިޔަވައިދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.


އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލުތަކަށް އިއްޔެ ފޮނުއްވި ސާކިއުލާގައި ވިދާޅުވީ އެ ސްޓޭޖަށް މި އަހަރު ތައާރަފުކުރި މަންހަޖުގައި ހިމެނޭ ދެ މާއްދާ ކިޔަވައިދޭން އެކަށީގެންވާ ވަރަށް ޓީޗަރުން ތަމްރީނުކޮށްފައި ނުވާތީ ދަތިތަކާ ދިމާވެފައިވާ ކަމަށެވެ. އެހެންވެ ދަރިވަރުން އިމްތިހާނުކުރާނެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވެންދެން ސޯޝަލް ސްޓަޑީޒާއި ޕީއީ ކިޔަވައިދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމީ ކަމަށް ވިދާޅުވި އެވެ.

އެ ބަދަލާ އެކު، ދެ މާއްދާއަށް ޓައިމް ޓޭބަލްގައި ކަނޑައަޅާފައިވާ ވަގުތު، މަޖުބޫރު މާއްދާތަކަށް އެއް ގަޑި އިތުރުކޮށްގެން ކިޔަވައިދޭން ވަނީ އަންގައިފަ އެވެ.

"ސާނަވީ މަރުހަލާއަށް ކިޔަވައިދެމުންދާ ހުރިހާ ސްކޫލެއްގައި ވެސް މި ސާކިއުލާގައިވާ ގޮތުގެ މަތިން ޓައިމް ޓޭބަލް އިސްލާހު ކުރައްވައިގެން މި ދެންނެވި ގޮތަށް އަމަލުކުރައްވަމުން ގެންދެވުމަށް ދަންނަވަމެވެ،" ސާކިއުލާގައިވެ އެވެ.

ކީ ސްޓޭޖް ހަތަރެއްގައި ހިމެނެނީ ގްރޭޑް 9 އާއި 10 އެވެ. ގްރޭޑު 11 އަދި 12 އަކީ ކީ ސްޓޭޖު ފަހެއްގެ ދެ ގްރޭޑެވެ.