އިގުތިސާދު ވަރުގަދަކުރަން ގިނަ ކަންތައްތަކެއް ކުރަން ޖެހޭ: ޝާހިދު

ބޮލަކަށް ޖެހޭ އާމްދަނީ މަތިވިޔަސް ރާއްޖެ ފަދަ ކުދި ގައުމުތަކުގެ އިގުތިސާދު ވަރުގަދަ ނުވާ ކަމަށާއި ގިނަ ކަންތައްތަކެއް އަދިވެސް ކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


އާޖެންޓީނާގެ ބުއެނަސް އަޔާސްގައި މިހާރު ކުރިއަށްދާ ޔޫއެން ކޮންފަރެންސް އޮން ސައުތު ސައުތު ކޯޕަރޭޝަންގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުން އިގުތިސާދީ އަދި ވިޔަފާރީގެ ކަންކަމުގައި ތިމާވެށީގެ ނާޒުކު ކަމުގެ ސަބަބުން ކުރިމަތިވާ އާދަޔާ ހިލާފު މައްސަލަތަކަށް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ. ދުނިޔޭގެ 17 ވަނަ އަށް އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތުމަށް ފަހު ތަރައްގީވަމުން އަންނަ ގައުމަަކަށް ބަދަލުވުމުގައި ރާއްޖެ އަށް ގިނަ އެހީތަކެއް ލިބުނު ކަމަށާއި ރާއްޖެ އެކަމަށް ޝުކުރުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް މާއްދީ މުއްސަނދި ކަމާއި ބޮލަކަށް ޖެހޭ އާމްދަނީ އިތުރުވަމުން ދިއުމަކީ އިގުތިސާދީ ގޮތުން ވަރުގަދަވުން ކަމަކަށް އަބަދަކު ނުވޭ. ޖީޑީޕީ މަތި އަދި އިގުތިސާދީ ބިންގާ ހަނި، ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ގިނަ ކަންތައްތަކެއް އަދިވެސް ކުރަން ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި އިގުތިސާދީ ހަަރަކާތްތައް ހިނގަނީ ހަނި ދާއިރާއެއްގައި ކަމަށާއި އިގުތިސާދީ ހަރަކާތްތައް ފުޅާކުރަން އިތުރު އިންވެސްޓްމެންޓް ބޭނުންވާ ކަމަށެވެ. ނަމަވެސް ކުދި ގައުމުތަކަށް މާކެޓް އޮތްލެއް ހަނިކަމުން އެކަމުގައި ގޮންޖެހުންތައް އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ. އެ ގޮތުންޖެހުންތަކުން އަރައިގަތުމަށްޓަކައި ގާބިލްކަން އިތުރު ކުރުމަށް ދުނިޔޭގެ ގައުމުތަކުން އިތުރަށް ކޮށްދެވޭނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޔޫއެން ކޮންފަރެންސް އޮން ސައުތު ސައުތު ކޯޕަރޭޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދު. ފޮޓޯ: ފޮރިން މިނިސްޓްރީ

ސައުތު ސައުތު ކޯޕަރޭޝަންގެ ކޮންފަރެންސްގެ ހަވާސާގައި ގިނަ ގައުމުތަކަކާ އެކު އެ ގައުމުތަކުގެ އިސް ބޭފުޅުންނާ އެކު ޝާހިދު މަޝްވަރާތައް ކުރައްވާނެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެފަދަ ބައެއް ބައްދަލުވުންތައް މިހާރު ވެސް ބާއްވާފައިވާ ކަމަށެވެ.

ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ޝާހިދު އާޖެންޓީނާ އަށް ކުރައްވާ ދަތުރުގައި އޭނާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ރާއްޖޭން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބާއި އެމެރިކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު މުހައްމަދެވެ. އާޖެންޓީނާ އަށް ޝާހިދު ކުރެއްވި ދަތުރަކީ ރާއްޖޭގެ ފޮރިން މިނިސްޓަރަކު ފަހުގެ ތާރީހުގައި އެ ގައުމަށް ކުރެއްވި ފުރަތަމަ ދަތުރެެވެ.