މަޖިލީހުގައި ތިބެންވީ "މިލިއަނަރުން"، ނުވިކޭނީ އޭރުން: ގާސިމް

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރަންވީ ފައިސާ ހުރި ފޯރުންތެރިން ކަމަށާއި ރިޝްވަތަށް ނުހެއްލޭނީ އޭރުން ކަމަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.


ޖޭޕީ ޓިކެޓުގައި ދަނގެތި ދާއިރާއަށް ވާދަ ކުރައްވާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)ގެ ކެމްޕެއިން އިވެންޓެއްގައި ދަނގެތީގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލީހަށް ކުރިމަތިލީ ތަސައްރަފު ފުދިފައި ތިބި ގާބިލް މީހުން ކަމަށާއި ހޮވަން ޖެހޭނީ އެފަދަ ފުދުންތެރިން ކަމަށެވެ.

މަޖިލީހުގައި "މިލިއަނަރުން" ތިބެން ޖެހޭ ސަބަބަކީ ރިޝްވަތު ނުނަގާ ހިދުމަތް ކުރާނީ އެބޭފުޅުން ކަމުގައި ވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެ މީހަކު އަމިއްލަ އަށް ކައިގެން ބޮއެގެން އުޅެވޭނެ ވަރު ނެތް މީހުން މަޖިލީހަށް ކުރިމަތިލައިގެން ހޮވުނީމަ ކިހިނެއްތޯ ވާނީ؟،" ގާސިމް ވިދާޅުވި އެވެ.

"އަމިއްލަ ޒިންމާއެއް ނެތް މީހާ މަޖިލީހަށް ގޮސް ކީއްތޯ ކުރާނީ. ނޯންނާނެ ދެއްތޯ؟ އޭނާ އަމިއްލަ ޖީބު ފުރުން ނޫނީ އޭނާ އަމިއްލަ އަށް ކަމެއް ކުރެވޭތޯ ބަލާނީ."

މަޖިލީހުގައި ތިބެން ޖެހޭނީ މިލިއަނަރުން ކަމަށް ގާސިމް ވިދާޅުވި އިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ކެމްޕޭންގައި، އެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވަމުން އަންނަނީ މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތް ކުރަން ޖެހިފައިވާ ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީ އާއި އިދިކޮޅު ޕީޕީއެމް ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރާ އިރު ޖޭޕީ އަށް ހަ ގޮނޑި ވެސް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވުމުން ގާސިމް ވަނީ އެ ކަމަށް ވެސް ރައްދު ދެއްވައިފަ އެވެ.

ގާސިމާއި ނަޝީދު ބައްދަލުވުމެއްގައި: ޕީޕީއެމާއި ގުޅިގެން ޖޭޕީ އަށް ލިބޭނީ ހަ ގޮނޑި ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅަށް ގާސިމް ފާޑުވިދާޅުވި. ފޮޓޯ/މިހާރު

ގާސިމް ވިދާޅުވީ "ފުރިފައި ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެ" ކަމަށާއި އެ ފާޑަށް ވާހަކަ ދައްކަވަނީ އެމްޑީޕީ އަށް ޔަގީންކަން ނެތުމުން ކަމަށެވެ. ހަ ގޮނޑި ލިބޭނީ އެމްޑީޕީ އަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

މަޖިލިސް ގޮނޑި ދޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުން ކަމަށާއި އެ ނިންމުން ޖެހޭނީ ގަބޫލު ކުރަން ކަމަށް ވެސް ނަޝީދަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުން ނިންމީމަ އެނގޭނެތާ ދެއްތޯ ހައެއްތޯ، ތިނެއްތޯ، ދެއެއްތޯ، އެކަކަށް ވެސް ވެދާނެ. އަޅުގަނޑު ވެސް މާދަން ހިނގައިދާނެ. ސުމަކަށް ވެސް ވެދާނެ. އެކަމަކު އެ ހިސާބުންތާ އެކަން އެނގޭނީ ދެއްތޯ؟" ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުން ނިންމާނީ. ހިތުން ރުހުނަސް ނުރުހުނަސް ޖެހޭނީ ގަބޫލު ކުރަން. އެ އޮތީ ނިންމާފަ ބޮޑު ނިންމުން. އޭގެ މައްޗަށް ނޯންނާނެ ނިންމާނެ ބޮޑު ނިންމުމެއް."

ޖުމްހޫރީ ޕާޓީން ބައެއް ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕީޕީއެމުން ތާއީދުކުރަން ނިންމާފައިވީ ނަމަވެސް ގާސިމް ވިދާޅުވީ ޕީޕީއެމާ އެކު އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށެވެ. ހަމައެކަނި އޮތީ މަޖިލިސް އިންތިޚާބަށް އެއްބަޔަކު އަނެއް ބަޔަކަށް ތާއީދު ކުރުމުގެ "އަންޑަސްޓޭންޑިން" އެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންވާން ޖެހުނީ މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމަށް ކޯލިޝަންގެ ތެރެއިން 22 ދާއިރާއެއް ޖުމްހޫރީ ޕާޓީއަށް ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސޮއިކުރެއްވި އެއްބަސްވުމެއް އޮތް އިރު އެމްޑީޕީގެ ގައުމީ މަޖިލީހުން އެ ފުރުސަތު ނުދިނުމުން ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ސަރުކާރު ޒިންމާދާރު ކުރުމަށް މަޖިލީހުގައި އިދިކޮޅު މެމްބަރުން ތިބެން ޖެހޭނެ އެވެ.

"އޮޕޮޒިޝަންގައި ފުދޭވަރެއް މެމްބަރުން ތިބެގެން މެނުއީ ސަރުކާރު ޒިންމާދާރެއް ނުކުރެވޭނެ. ކަންތައްތައް ވެގެން ދިޔަގޮތް އިއްޔެ އާއި އިހަށް ދުވަހު އަޅުގަނޑުމެންނަށް ފެންނަން އެއޮތީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުން ބޭނުން ގޮތަކަށް ބިލްތައް ފާސްކުރި މައްސަލަ އަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވޭ މެމްބަރުންނާއެކު ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ސަރުކާރާއެކު އަތުގުޅާލައިގެން އިބްރާހިމް މުހައްމަދު ސޯލިހާއެކު މިތިބީ. ހުރިހާ ފަންނެއްގެ ހުރިހާ ދާއިރާއެއްގެ ހުރިހާ ކަމެއްވެސް ކުރަން. އޭގެ ތެރޭގައި ސިޔާސީ. އިޖުތިމާއި. އިގްތިސާދީ. ދެން އެހެން ގޮސް ހުރިހާ ކަމެއް،" ގާސިމް ވިދާޅުވި އެވެ.

ކަނޑުގައި މަހެއް ފަހާލެވޭނެ މަހެއް އުޅެވިދާނެ ކަމަށާއި ނަމަވެސް ދަނގެތި ދާއިރާއަށް އެ ޕާޓީގެ ފަރާތުން ކުރިމަތި ލެއްވި ނާޒިމަކީ "އެންމެ ބޮޑު މަސް" ކަމަށް ގާސިމް ވިދާޅުވި އެވެ. އެ މަސް ފަހާލެވޭނެ ވަރުގެ މަހެއް މިފަހަރު ނާންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ދާއިރާ އަށް އިންތިޚާބު ކުރާ މެމްބަރަކީ ކޮންމެހެން އެ ދާއިރާ އަށް ނިސްބަތްވާ މީހަކަށް ވާން ނުޖެހޭ ކަމަށާއި ބޭނުންވަނީ އިހުލާސްތެރިކަމާ އެކު މަސައްކަތް ކޮށްދެއްވާނެ މީހެއް ކަމަށެވެ.