ކޮމިޝަންތައް ހެދީ މުއައްސަސާތަކަށް އިތުބާރުނުކުރާތީ: ރައީސް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރިޔާސީ ކޮމިޝަން އުފެއްދެވީ، މިހާރު ހުރި މުއައްސަސާތަކަށް ރައްޔިތުން އިތުބާރުނުކުރާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީގެ ޓިކެޓުގައި މިލަންދޫ ދާއިރާއަށް ކުރިމަތިލައްވާ އަލީ ރިޟާގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަރާލާފައިވާ މީހުންނާއި ވަގަށް ނަގާފައިވާ މީހުންގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ބަލަން، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން، ފަށާފައިވާ ކަމަށެވެ.

އެކަމަކު ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ލިބިދޭ ބިލް އޮތީ ރައްޔިތުންގެ މަޖިލިހުގައި ތާށިވެފަ އެވެ. ތިން ފަހަރެއްގެ މަތިން އެޖެންޑާކުރިޔަސް ވޯޓަށް އަހާފައެއް ނުވެ އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮމިޝަންތަކަށް ބާރު ދޭން މަޖިލީހުން ބޭނުން ނުވި ކަމަށެވެ. އެކަމަކު ލިބިފައިވާ ހަނި ފުރުސަތުގައި އެ މަސައްކަތް ކުރިއަށްދާކަން މިލަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ފާހަގަކުރެއްވި އެވެ. އެ ކޮމިޝަންތަކަށް ބާރު ހޯދަން ބޭނުންފުޅުވާ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ގާނޫނުން އުފައްދާފައިވާ ކޮމިޝަންތަކަށް ރައްޔިތުން އިތުބާރުނުކުރުން ހިމެނޭކަމަށް ވިދާޅުވި އެވެ.

މިލަންދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

"މިނިވަން މުއައްސަސާތައް އެބަހުރި، އޭސީސީ އެބަ އޮތް، އަދިވެސް އެހެން މުއައްސަސާތައް އެބަހުރި އެކަންތައް ބެލެން. އެހެން ނަމަވެސް ރައްޔިތުންގެ އިތުބާރެއް އެތަންތަނަކަށް އޭރަކު ނެތް،" ރައީސް ވިދާޅުވި އެވެ.

"ކަމެއް ކުރެވޭ ތަނެއް އަޅުގަނޑަކަށް ނުފެނޭ. ވަކި ފަރާތަކަށް، ވަކި މީހަކަށް އަމާޒުކޮށް ނޫނިއްޔާ ވަކި ބައެއްގެ ކަންތައްތައް ނޫނިއްޔާ އެތަނުން ބެލޭ ތަނެއް އޭރަކު ނުފެނޭ. އަޅުގަނޑު އެދުވަހު މަޖުބޫރުވީ ރިޔާސީ ކޮމިޝަންތައް ހަދަން. މި ދެންނެވި މުއައްސަސާތައް ރަނގަޅަށް ހިނގާކަމަށްވާ ނަމަ މިއީކީ ކުރަން ޖެހޭ ކަމެއް ނޫން."

އެހެންވެގެން އިތުރު ފޯރިއާ އެކު މަސައްކަތް ކުރިއަށްގެންދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކަކީ ހާމައަށް ފެންނަން ހުރި ކަންތައްތަކެވެ. އެކަމަކު ވަކި ހިސާބަކުން ތަހުގީގުތައް ހުރީ ހުއްޓިފައި ކަމަށް ވިދާޅުވި އެވެ.

"މަޖިލީހުގެ ތާއީދު އަޅުގަނޑު ބޭނުންވަނީ މިކަންތައްތައް ކުރުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރައްގީއަށް ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި މަޖިލީހުގެ އެއްބާރުލުމާ އެކު ނޫނީ އެކަންތައް ނުކުރެވޭނެ އެވެ.