ފްލެޓް އަޅަން އެޕެކްސްއަށް ދިނީ ދައުލަތަށް ބޮޑު ގެއްލުމެއް ވާ ގޮތަށް: އޮޑިޓް

މާލޭގައި ހައުސިން ޔުނިޓްތަކެއް ގާއިމްކުރަން 2010 ގައި އެޕެކްސް ރިއަލިޓީ ކުންފުންޏާ ހަވާލުކުރީ ދައުލަތަށް މާލީ ބޮޑު ބުރަތަކެއް އުފުލަން ޖެހޭ ގޮތަށް ކަމަށް އެ މަޝްރޫއުގެ އޮޑިޓް ރިޕޯޓުގައި އިއްޔެ ބުނެފި އެވެ.


އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ފްލެޓް ވިއްކައިގެން އެޕެކްސް އަށް ލިބޭ އާމްދަނީގެ އިތުރުން ވެސް 52 މިލިއަން ޑޮލަރު (800 މިލިއަން ރުފިޔާ) ގެ ފައިދާއެއް ހޯދެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2009 ގައި އިއުލާންކޮށް، 2010 ގައި އެޕެކްސްއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އަރަބިއްޔާ ކުރިން ހުރި ބިމާއި ގާކޮށި ހުރި ބިމާއި ސޯސަން މަގުގައި ކުރިން ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބޮޑު ބިމުގެ އިތުރުން ކުރިން އޯޑިއޯން ހިންގި ބިން ވެސް ފްލެޓް އަޅަން އެ ކުންފުންޏަށް އޮތީ ދީފަ އެވެ. އޭގެ ތެރެއިން ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅާ ފްލެޓްތަކުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

އެ މަޝްރޫއުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެޕެކްސް އިން އެކަމަށް ކުރިމަތިލިއިރު ހުށަހަޅާފައިވަނީ 25 އަހަރު ދުވަހަށް ބަހާލައިގެން މަހަކު 299 ޑޮލަރު ކޮންމެ ފްލެޓަކަށް ދައްކާ ގޮތަށެވެ. އެކަމަކު އެއްބަސްވުމުގައި ސޮއިކުރިއިރު އޭގައި އޮތީ މަސައްކަތް ނިމޭތާ 90 ދުވަހުގެ ތެރޭގައި އޭގެ ތެރެއިން 196 ފްލެޓްގެ އަގު އެއްފަހަރާ ދައްކަން ޖެހޭ ގޮތަށް ކަމަށް ވެސް އޮޑިޓްގައި ބުނެފައިވެ އެވެ.

ރިޕޯޓްގައި ވާ ގޮތުން ބާކީ ހުރި 84 ފްލެޓަށް ފައިސާ ދެއްކުން ދިގު މުއްދަތަކަށް ބަހާލާފައި އޮތަސް ކުރިން ހުށަހެޅި އަގަށް ވުރެ ބޮޑުކޮށް، ފަހުން އޮތީ މަހަކު 400 ޑޮލަރު ނަގާށެވެ.

އެޕެކްސް އިން ފުރަތަމަ ހުށަހެޅީ 354 ފްލެޓް އަޅާށެވެ. އެކަމަކު އެއްބަސްވުމުގެ ދަށުން 500 ފްލެޓް އަޅަން އެ ކުންފުންޏާ ހަވާލުކުރި އެވެ. އޭގެ ފަހުން އިތުރު 55 ފްލެޓް އެޅުމުގެ ފުރުސަތު ވެސް އެ ކުންފުންޏަށް ދިނެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ސަރުކާރުން ދައްކަން ޖެހޭ އަގުގެ އިތުރުން އެކަށީގެންނުވާ ވަރުގެ މާލީ ބޮޑެތި އިނާޔަތްތަކެއް ވެސް އެޕެކްސް އަށް އޮތީ ދީފަ އެވެ.

އެގޮތުން ކޮންމެ ފްލެޓެއްގެ ފުރަތަމަ ބުރި، ވިޔަފާރި އުސޫލުން 50 އަހަރަށް ބޭނުން އަގަކަށް ދޫކުރުމުގެ ބާރު އެޕެކްސް އަށް އޮވެ އެވެ.

އޭގެ އިތުރުން ސޯޝަލް ހައުސިން އާއި ލަގްޒަރީ ހައުސިން ޔުނިޓްތައް އަޅައި، ވިއްކަން މާލެއިން އެޕެކްސް އަށް ބިން ދިނީ ސަރުކާރަށް އެއްވެސް އަގެއް ނުނަގާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފަ އެވެ. އެ ކުންފުންޏަށް ދިން އެހެން އިނާޔަތްތަކުގެ ތެރޭގައި މަޝްރޫއު އަށް ރާއްޖެ އެތެރެކުރި ހުރިހާ މުދަލަކުން ޑިއުޓީ މައާފްކުރުމާއި ރިސޯޓެއް އަޅަން ރަށެއް ދޭން އެއްބަސްވުން ވެސް ހިމެނެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެޕެކްސް އަށް ދިން ލުއިތަކަށް ބަލާއިރު ފްލެޓް ވިއްކައިގެން އެ ކުންފުންޏަށް ލިބޭނެ ކަމަށް ބެލެވޭ އަދަދުގެ އިތުރުން 52 މިލިއަން ޑޮލަރުގެ މާލީ ފައިދާއެއް ވެސް ހޯދޭނެ އެވެ.

"ލުއިތަކާއި އެހެނިހެން މާލީ އިނާޔަތްތައް ދިނުމުގެ މައިގަނޑު މަގްސަދަކަށް ވާން ޖެހޭނީ ހައުސިން ޔުނިޓްތަކުގެ އަގު ކުޑަކުރެވި ދައުލަތަށް އަންނަ މާލީ ބުރަ ކުޑަކުރުން ކަމުގައި ވީ ނަމަވެސް މި މަޝްރޫއުގެ ދަށުން ޑިވެލޮޕަރަށް ދީފައިވާ ލުއިތަކާއި އިނާޔަތްތަކަށް ރިއާޔަތްކުރާއިރު މިދެންނެވި މަގްސަދު ހާސިލްވެފައިވާ ކަމަށް ނުބެލެވޭ،" ކަމަށް ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ލިބިދާނެ ގެއްލުންތައް ކުޑަކުރަން އެ މަޝްރޫއު ރަނގަޅަށް މެނޭޖް ކުރެވިފައެއް ވެސް ނުވެ އެވެ. ފްލެޓް ލިބޭ ފަރާތްތަކަށް މޯގޭޖް ފައިނޭންސް ހަމަޖެއްސޭނެ ގޮތެއް ފަހިކޮށްދީފައި ނެތުމުން އެ ހުރިހާ ފްލެޓްތަކަށް ފައިސާ ދެއްކުމުގެ ބުރަ ދައުލަތުން އުފުލަން ޖެހުމާއި 25 އަހަރަށް ބަހާލައިގެން ފްލެޓަށް ފައިސާ ދައްކަން ޖެހޭ ފަރާތްތައް ކަނޑައަޅާފައި ނެތް ކަން ވެސް، މައްސަލަތަކެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޮޑިޓް ރިޕޯޓްގައި ނެގި އަނެއް މައްސަލަ އަކީ މަސައްކަތް ނިންމަން ޖެހޭ މުއްދަތަށް ވުރެ އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު ވެސް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވުމެވެ.

މި ބޮޑު މަޝްރޫއު އިއުލާންކުރީ ހާމަކަން ބޮޑު ގޮތެއްގައި ނޫން ކަމަށާއި އެހެންކަމުން އެ މަސައްކަތް އެޕްކްސްއާ ހަވާލުކުރީ ވާދަވެރި ބީލަމެއްގެ ތެރެއިން ކަމަށް ނުބެލެވޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ނާދީ ހުރި ބިމުގައި އަޅަން ޖެހޭ ފްލެޓްތަކުގެ މަސައްކަތް ނުފަށާ އޮތުމާއި ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ނުނިމުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ނަގަން ޖެހޭ މިންވަރު ނުނެގުމަކީ ވެސް، ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، މައްސަލައެކެވެ.

އަރަބިއްޔާ އާއި ގާކޮށީގެ ފްލެޓްތައް ނިމިފައި ވިޔަސް އެ ފްލެޓްތައް ސަރުކާރާ ހަވާލުކޮށްފައި ނުވަނީ ސަރުކާރުން ދައްކަން ޖެހޭ 278 މިލިއަން ރުފިޔާ ނުދެއްކުމުންނެވެ.

ސަރުކާރުން ވެސް ކުރިން ބުނެފައިވަނީ އެ އެއްބަސްވުންތައް ހަދާފައިވަނީ ސަރުކާރަށް ގެއްލުންވާ ގޮތަށް ކަމަށެވެ.