މުޣުނީގެ މައްސަލައެއް ނެތް: ފުލުހުން

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ގދ. ތިނަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވާ އަބްދުލް މުޣުނީ އަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އެ ޕާޓީން އޭނާ އަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފައިވާއިރު މުޣުނީއާ ގުޅޭ ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.


މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ބަޔަކު އެ ވާހަކަ ފެތުރުމުންނެވެ. މީގެ 11 އަހަރު ކުރިން ހިނގާފައިވާ އެކަންތައްތަކާ ގުޅޭގޮތުން އެ އަންހެން މީހާ ބުނެފައި ވަނީ އެ މައްސަލަތައް ފުލުހުންނަށް އޭރު ހުށަހަޅާފައިވާ ކަމަށެވެ.

މުޣުނީއާ ގުޅުން ހުރި އެއްވެސް ގެވެށި އަނިޔާގެ މައްސަލައެއް ހުށަހަޅާފައިވޭތޯ ބެލުމަށް އޭނާ ފުލުހުންނަށް ފޮނުވި ސިޓީ އަށް މިދިޔަ ހުކުރު ދުވަހު ފުލުހުން ދިން ޖަވާބުގައި ބުނެފައިވަނީ "މުޣުނީގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް އެއްވެސް އިރެއްގައި މި ސާވިސް އަށް ހުށަހަޅާފައިވާ ކަމަށް މި ސާވިސްގެ ރިކޯޑްތަކުން ނުދައްކާ" ކަމަށެވެ.

އެމްޑީޕީގެ ނިންމުމާ ގުޅިގެން މުޣުނީ ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާގައި މީހަކު ކުރި ޓުވީޓަކަށް ހަމައެކަނި ބަލައި، ސުވާލެއް ވެސް ކުރުމެއް ނެތި އެމްޑީޕީގެ ތާއީދު އަނބުރާ ގެންދިއުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި ނަން ނެގުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އޭނާ އަންނަނީ މިހާރު ވެސް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ.

"ޕާޓީގައި އެބަހުރި އެކަހަލަ ތުހުމަތެއް ކޮށްފިއްޔާ ބެލޭނެ ގުނަވަންތައް. އަޅުގަނޑަށް ސުވާލެއް ވެސް ކުރުމެއް ނެތި މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަކުރަން. މީހަކު ސޯޝަލް މީޑިއާގައި ކޮށްލާ ޓްވީޓަކަށް އަޅުގަނޑުގެ ބަހެއް ނެތި، އެމްޑީޕީ ކަހަލަ ތަސައްރަފު ފުދިފައިވާ ޕާޓީއަކުން މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަ ކުރަން،" އެ މައްސަލަ ފެންމަތިވި ދުވަސްކޮޅު މުޣުނީ ވިދާޅުވި އެވެ.

މުޣުނީއާ އެކު ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު އެ ދާއިރާގެ މިހާރުގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އިކްލީލް އާދަމެވެ. އެމްޑީޕީގެ ނިންމުމަށް މައުމޫން ވަނީ މަރުހަބާ ދަންނަވައިފަ އެވެ.