ސަދަގާތު ފައުންޑޭޝަނަށް ފަންޑު ހޯދަން ހަރަކާތްތަކެއް ހިންގަނީ

ޖަމިއްޔާގެ ކަންކަމަށް ފައިސާ ހޯދުމުގެ ގޮތުން ކެއްކުމާއި ކުޅިވަރުގެ ހަރަކާތްތަކާ އެކު "ފުޑް ފިއެސްޓާ" ނަމުގައި އިވެންޓެއް ބާއްވަން ސަދަގާތު ފައުންޑޭޝަނުން ނިންމައިފި އެވެ.


ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިސް ދައުރެއް އަދާކުރައްވާ ސަދަގާތު ފައުންޑޭޝަނުން، ރައީސް ޔާމީންގެ ކެމްޕޭން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައުންޑޭޝަންގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު ލަމްއާން ވިދާޅުވީ ހެންވޭރު ދަނޑުގައި އެ އިވެންޓް އޮންނާނީ އަންނަ ހުކުރާއި ހޮނިހިރު ދުވަހު ކަމަށެވެ.

އެ ދެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންނަށް ހާއްސަކޮށްފައިވާއިރު ރޭގަނޑު 8:00 އިން 12:00 ހާއްސަކޮށްފައިވަނީ ބޮޑެތި މީހުންނަށެވެ.

މި އިވެންޓް ހިނގަމުން ދާ އިރު ސަދަގާތު ފައުންޑޭޝަނަށް މާލީ ގޮތުން އެހީތެރިވާން ބޭނުން ފަރާތްތަކަށް ހާއްސަކޮށްގެން ފޮށި ބެހެއްޓުމުގެ އިތުރުން ސްޓޯލްތަކުން ކާ އެއްޗެހި ގަނެގެން ވެސް އެހީވެވޭނެ ކަމަށް، ލަމްއާން ވިދާޅުވި އެވެ.

ކުޑަކުދިންނަށް ހާއްސަ ގަޑީގައި ސޭންޑްވީޗު ހެދުމާއި ސެލެޑާއި ކަޕް ކޭކް ޑިޒައިނިން އޮންނާނެ އެވެ.

ބޮޑެތި މީހުންގެ ވަގުތުގައި ކެއްކުމުގެ މުބާރާތާއި އަންހެނުންނަށް ހާއްސަކޮށްގެން މަސް ކެނޑުމާއި ފިރިހެނުންނަށް ހާއްސަކޮށްގެން ރޮށި ފިހުން ފަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ލަމްއާން ވިދާޅުވި އެވެ.

އެ ހަރަކާތްތަކުގައި ބައިވެރިވެވޭނީ ފިއެސްޓާ ކުރިއަށްދާ ވަގުތު ނަން ނޯޓުކޮށްގެންނެވެ.

އިވެންޓް ކުރިއަށް ދާއިރު އިނާމު ވެސް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ފިއެސްޓާގައި ކޮންމެ ގަޑިއަކު އެއްފަހަރު ކޫޕަނެއް ނަގައިގެން ހޮވޭ ބަޔަކަށް އައިޕެޑާއި އައިޕޮޑް ފަދަ އިނާމުތައް ވަނީ ހުށަހަޅައިފަ އެވެ.

މުޅި ހަރަކާތުގެ ބޮޑު އިނާމަކަށް ދެނީ ސައިކަލެކެވެ.