83 ޕަސެންޓު ހާސިލް ކުރެވުނު، ރައީސް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހާސިލްވީ 83 ޕަސެންޓު ކަމަށާއި އެއީ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ މިންވަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމި ކަންތައްތައް އަންނަ މަހުގެ 11 އަށް ހަމަވާއިރު، "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އެ މުއްދަތުގައި ކުރެއްވުނު ކަންކަމާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.

"ތިޔަބޭފުޅާ ކަރުދާހަށް އެ [100 ދުވަހުން ހާސިލް ކުރެވުނު ކަންކަން] ނަގާއިރު ރަނގަޅު ޕާފޯމަންސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު އަންނަނީ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭނެއް ތަައްޔާރު ކުރަމުންނެވެ. ފަސް އަހަރުގެ ތެރޭގައި ހާސިލް ކުރަންޖެހޭ މިންވަރު އެ އެކްޝަން ޕްލޭނުން ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ ތިޔަބޭފުޅުން ބައްލަވަމުން ގެންދަވަންވީ ކިހާވަރެއްތޯ ހާސިލް ކުރެވުނީ. ހާމަކުރާނަން އަޅުގަނޑުމެން އެ އެއްޗެހި،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެންމެ އުފާފުޅުވީ ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީ އަށް ކިޔެވުމާއި ރާއްޖެ އިން ބޭރަށް މަތީ ތައުލީމަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ލުއި ގޮތެއްގައި ލޯނު ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއި ސްކޫލް ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށުމުގެ އިތުރުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަހަށް އިތުރުކުރުމުން ކަމަށެވެ.

"އެއީ މި ސަރުކާރަށް ކުރެވޭނެ އަދި ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ދެ ކަންތައް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަކު، މި 100 ދުވަހުގެ ތެރޭގައި ކުރައްވަން ބޭނުންފުޅުވެފައި އެކަމަކު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ މިންވަރަށް ނުކުރެއްވުނީ ރައީސް ވިދާޅުވި ގޮތުގައި ހިޔާނާތުގެ ފައިސާ ހޯދުމާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، އޭގެ ހަގީގަތް ހޯދުމުގެ މަސައްކަތެވެ. އެ މަސައްކަތްތައް 100 ދުވަހުގެ ތެރޭގައި ފަށާފައިވާ އިރު ރައީސް އުއްމީދު ކުރެއްވީ އެ ދެ ކޮމިޝަނުން ކޮންމެވެސް ވަރެއްގެ ނަތީޖާއެއް ތިން މަސް ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށެވެ.

"އެކަމަކު އޭގައި އެބަހުރި އުނދަގޫތަކެއް. ޚާއްސަކޮށް ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ވަރަށް ބޮޑެތި ޗެލެންޖުތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެގެން މިދަނީ. މަރުތައް ބެލުމާ ބެހޭ ކޮމިޝަންގައި އެބަހުރި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި. އެކަމަކު ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި އެ އަށް ވުރެ މާ ބޮޑެތި ދަތިތައް އެބަހުރި. ވެދާނެ މާ ބޮޑަށް ފުޅާވެފައި ހުރި ކަމަށް ވީމާ ވެސް،" ރައީސް ވިދާޅުވި އެވެ.

އެކަމަކު، އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަނަށް މި ހަފުތާގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ހިޔާނާތުގެ ފައިސާ ހޯދުމާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، އޭގެ ހަގީގަތް ހޯދުމުގެ މަސައްކަތެވެ. (ހިޔާނާތުގެ ފައިސާ ހޯދުމާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، އޭގެ ހަގީގަތް ހޯދުމަށް އުފެއްދި ދެ ކޮމިޝަނަށް ކުރިމަތިވެފައިވާ ދަތިތަކާ މެދު ރައީސް ދެކެވަޑައިގަންނަވާ ގޮތް މި އިންޓަވިއުގެ އެހެން ހިސާބެއްގައި އެހެން ދުވަހަކުން ގެނެސްދޭނެ އެވެ.)

ރައީސް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަކި ކަންތައްތަކެއް ހާސިލް ކުރަން ކަނޑައަޅުއްވައި އެކަންކަން ހާމަކުރެއްވީ ޗެލެންޖަކަށް ކަމަށެވެ. އަދި ވިދާޅުވީ، 100 ދުވަހަށް ކަނޑައެޅި ކަންތައްތަކުގެ ތެރެއިން ހާސިލް ނުކުރެވި ހުރި ކަންކަން ވެސް ނިންމަމުން ދާނެ ކަމަށެވެ. ޚާއްސަކޮށް ކަރަންޓުގެ އަގު ހެޔޮކުރުން 100 ދުވަހުގެ ކުރިން ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.