ލަންކާ އިން އަތުލައިގަތް ބޯޓަކުން ރާއްޖޭގެ އުޅަނދުތަކަކަށް 175 ކިލޯގެ ހެރޮއިން އެރުވި

އާދީއްތަ ދުވަހު ސްރީ ލަންކާ އިން މަސްތުވާތަކެއްޗާ އެކު އަތުލައިގަތް އީރާނުގެ މަސްބޯޓަކުން ރާއްޖޭގެ އުޅަނދުތަކަކަށް 175 ކިލޯގެ ހެރޮއިން އަރުވާފައިވާ ކަމަށް ލަންކާގެ ތަހުގީގު ޓީމާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.


ލަންކާގެ ގޯލްއާ ދިމާލު ބޭރުން ބޯޓު އަތުލައިގަތް އިރު ވެސް އޭގައި 107.22 ކިލޯގްރާމްގެ ހެރޮއިން ހުއްޓެވެ. އެ ތަކެއްޗާ އެކު އުޅަނދުގައި ތިބީ އީރާނުގެ ނުވަ މީހެކެވެ. މަސްތުވާ އެއްޗެހި ބަންދުކޮށްފައި ހުރީ ގަސްކާނާ ޕެކެޓްތަކެއްގައި ކަމަށާއި އޭގެ 99 ޕެކެޓް ބޯޓުން ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ބޯޓު އަތުލައިގަންނަން އުޅުމުން 500 ކިލޯގެ ޑްރަގްސް ކަނޑަށް އުކާލި ކަމަށް ވެސް ބުނެފައިވެ އެވެ. އެ ބޯޓުގައި މޯބައިލް

ތަހުގީގު ޓީމުން ބުނި ގޮތުގައި ރާއްޖޭގެ އުޅަނދުތަކަކަށް އެ ބޯޓުން ޑްރަގްސް އަރުވާފައި ވަނީ ބޯޓު އަތުލައިގަތުމުގެ ތިން ދުވަސް ކުރިންނެވެ. އަދި އެއީ އަތުލައިގަތުމުގެ 14 ދުވަސް ކުރިން ޕާކިސްތާނުގެ ކަރާޗީން ދަތުރު ފެށި އުޅަނދެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ބޯޓުން ފެނުނު ޑްރަގްސް އާއި މުއާސަލާތީ ބައެއް ސާމާނު

ލަންކާގެ ތަހުގީގު ޓީމުން މިހާރު އަންނަނީ މަސްތުވާތަކެތީގެ މި ވިޔަފާރީގައި ޝާމިލުވާ މީހުން ހޯދުމަށް، ބޯޓު ދަތުރުކުރި ގޮތާއި މުއާސަލާތު ކޮށްފައިވާ ގޮތް ބަލަމުންނެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ ލަންކާގެ ގޭންގު ލީޑަރެއް ކަމަށްވާ މަކަންދުރޭ މަދޫޝްއާ އެކު އުޅޭ މީހަކު އޮޕަރޭޓްކުރާ ޑްރަގް ނެޓްވޯކެކެވެ. މަދޫޝް މިހާރު ވަނީ ލަންކާ އަށް އެތެރެކުރި ގިނަ އަދަދެއްގެ ހެރޮއިންގެ މައްސަލައެއްގައި ދުބާއީން ހައްޔަރުކުރުމަށް ފަހު އިއްޔެ ލަންކާ އަށް ޑީޕޯޓްކޮށް އެ ގައުމުގައި ހައްޔަރުކޮށްފަ އެވެ. ލަންކާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި އޭނާ ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އަށް ދަތުރުކުރަން ވެސް އޮތީ ރާވައިފަ އެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.

މި ހަފުތާގައި އަތުލައިގަތް މަސްތުވާތަކެއްޗާއި އެ ހިފައިިގެން ދަތުރުކުރި އީރާނު ނުވަ މީހުންގެ މައްސަލަ އިތުރަށް ތަހުގީގުކުރާނެ ކަމަށް ފުލުހުންގެ ނާކޮޓިކްސް ބިއުރޯ އިން ވަނީ ބުނެފަ އެވެ.