ކެމްޕެއިންގައި މުދަލަށް ގެއްލުންދޭ ނަމަ ފިޔަވަޅު އަޅާނަން: ހަމީދު

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަތަކަށާއި ބެނާ ފަދަ އެއްޗިއްސަށް ގެއްލުންދީގެން ހުށަހަޅާ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އެކަންތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ މަހު ބާއްވާ އިންތިޚާބާ ގުޅޭ މައުލޫމާތު ފުލުހުންނަށް ދިނުމަށް ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކެމްޕެއިންގެ ފޯރީގައި ގާނޫނާ ގަވާއިދާ ހިލާފަށް ބައެއް ކަންތައްތައް ހިނގާ ކަމަށެވެ. އެހެންވެ ގާނޫނާއި ގަވާއިދުގެ ތެރެއިން ހުރިހާ ކެންޑިޑޭޓުން ވެސް ކެމްޕެއިން ކުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

އިންތިޚާބާ ގުޅޭ މަސައްކަތްތަކަށް އެއްބާރުލުންދީ ރޭވުންތެރިކަމާއެކު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި އިންތިޚާބަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި ރާއްޖޭގެ އެކިި ސަރަހައްދުތަކުގައި އޮޕަރޭޝަނަށް ހާއްސަކޮށްގެން 500 އެއްހާ ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ވިދާޅުވި އެވެ.

ފުލުހުންނަށް، އިންތިޚާބާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު ހަމީދު (ކ) އަދި އީސީގެ ރައީސް ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ރައްޔިތުންގެ މަސްލަހަތަށް މަސައްކަތް ކުރަމުންދާއިރު، ހާއްސަގޮތެއްގައި އިންތިޚާބާ ގުޅިގެން، އިންތިޚާބީ ހައްގުތަކަށް ރައްކާތެރިވުމާއި އަދި އެހެންމެ މުޅި މުޖުތަމައުގެ ރައްކާތެރިކަން ދަމަހައްޓާ މި ބާއްވަން އުޅޭ އިންތިޚާބަކީ ރައްކާތެރި މާހައުލެއްގައި ބޭއްވިގެންދާ އަމާންއޮމާން އިންތިޚާބަކަށް ހެދުމަށް ހިތްވަރާއެކު، ގާބިލްކަން ތަންދޭ އެންމެ މަތީ ފެންވަރުގައި ބޭނުންކުރާނެކަމަށް ގަބޫލުކުރަން،" ހަމީދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އިންތިޚާބާ ހިލާފަށް، މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ފަހު، ވޯޓުލާ މަރުކަޒުގައި މަޑެއް ނުކުރެވޭނެ އެވެ. އެއީ ގާނޫނުން މަނާ ކަމަކަށް ވިޔަސް ވޯޓުލުމަށް ފަހު ގޯތިތެރޭގައި މީގެ ކުރިން ވެސް މީހުން މަޑުކޮށްގެން ތިބެ އެވެ.

ޝަރީފް ވިދާޅުވީ ވޯޓުލާ މަރުކަޒުގެ ގޯތިތެރޭގައި އެގޮތަށް މަޑުކޮށްގެން ތިބޭ ނަމަ ފުލުހުން، އެމީހުން އެތަނުން ބޭރުކުރާނެ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ފާސް އަޅައިގެން ތިބޭ މީހުން ނުހިމެނޭނެ އެވެ.

ފުލުހުންނަށް، އިންތިޚާބާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ އިސްވެރިންނާއި އީސީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާލޭގައި އެއް ފޮއްޓަށް ވުރެ ގިނަ ފޮށި ބަހައްޓާ މަރުކަޒުތަކުގައި ފުލުހުންގެ ހިދުމަތް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ. މީގެ ކުރިން ބޭއްވި އިންތިޚާބުގައި ވެސް ފުލުހުންގެ އެހީތެރިކަން ލިބޭކަމަށް ވިދާޅުވި އެވެ.

އެ ކޮމިޝަންގެ އަމާޒަކީ ސުލްހަވެރިކަމާއި އަމާންކަމާއި އޮމާންކަމާއެކު ރައްޔިތުން ބަލައިގަންނަ ފަދަ އިންތިޚާބެއް ނިންމާލުން ކަން ޝަރީފް ފާހަގަކުރެއްވި އެވެ.