ޝީރީންގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ނިމި، ހައި ކޯޓުން ހުކުމާ ހަމައަށް

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.


މީގެ ނުވަ އަހަރު ކުރިން ޑިސެމްބަރު، 2009 ގައި މާފަންނުގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި ޝީރީން މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އެ މައްސަލާގައި، ޝީރީން މަރާލި ކަމަށް ބުނެ އޭނާގެ އޭރުގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ، ނަޖާހުގެ މައްޗަށް ދައުވާ ކުރިޔަސް، ކްރިމިނަލް ކޯޓުން 2015 ގައި ނިންމާފައިވަނީ ނަޖާހުގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ވަނީ އެ މައްސަލާގެ އަޑުއެހުންތައް އެއްކޮށް ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ އެ ހާދިސާއާ ނަޖާހުއާ ގުޅުވެނީ ލިބިފައި ހުރި ގަރީނާތަކުން ކަމަށާއި އެ ހުރިހާ ގަރީނާތައް ގުޅުވާލުމުން ނަޖާހު ނޫން މީހަކަށް އެކަމުގެ ތުހުމަތު ނުކުރެވޭ މިންވަރަށް ނަޖާހުއާ ދެކޮޅަށް ގަރީނާތައް އެބަހުރި ކަމަށެވެ. ގަރީނާތަކަށް ބިނާކޮށްގެން ގަސްދު މަރު ސާބިތު ކުރެވިދާނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާ ކަމަށާއި އަދި އެ މައްސަލާގައި ލިބިފައިވާ ގަރީނާތަކަށް ބަލާއިރު ނަޖާހުގެ މައްޗަށް އެ ކުށް ސާބިތު ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، އެގޮތަށް މައްސަލަ ނިންމައި ދިނުމަށް އެދޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ނަޖާހުގެ ވަކީލް ޒަނީން އާދަމް ވިދާޅުވީ އެ މައްސަލާގައި މުޅިން ހުރީ ބަލިކަށި ގަރީނާތަކެއް ކަމަށާއި އެ ފަދަ ގަރީނާތަކަކަށް ބިނާކޮށް، ގަސްދު މަރެއް ސާބިތު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ގަސްދު މަރެއް ސާބިތު ކުރެވޭނީ މަންޒަރު ދުށް ހެކިންގެ ހެކިބަހުން ނުވަތަ ތުހުމަތު ކުރެވޭ މީހާގެ އަމިއްލަ އިއުތިރާފުން ކަމަށާއި އެކަމަކު އެކަމާ ނަޖާހުއާ ގުޅުވޭނެ އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ޒަނީން ވިދާޅުވި އެވެ.

އެގޮތުން ނަޖާހު ޓެކްސީއަކަށް ފޮށްޓެއް އަރުވައިގެން ގޮސް ވަކި ތަނަކަށް އެ ފޮށި ބޭލި ކަމަށް ޓެކްސީގެ ޑްރައިވަރު ހެކިބަސް ދިނުމަކީ، އެ ފޮށީގައި ޝީރީންގެ ހަށިގަނޑު އޮތް ކަމަށް ދަލީލު ކޮށްދޭނެ ކަމެއް ނޫން ކަމަށް ޒަނީން ވިދާޅުވި އެވެ. އަދި އެ ފޮށި އެރުވި ފަހުން ކާރުގެ ޑިކީން ތަތްމުޑު ވަހެއް ދުވި ކަމަށް ޓެކްސީގެ ޑްރައިވަރު ބުނިއިރު، އެ ފޮށީގައި އޮތީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ނަމަ، އެ ކާރުން ދުވާނީ ތަތްމުޑު ވަހެއް ނޫން ކަމަށާއި އެއަށް ވުރެ ނުބައި ވަހެއް ދުވާނެ ކަމަށް ޒަނީން ވިދާޅުވި އެވެ.

ނަޖާހު އާއި ޝީރީން ދިރިއުޅުނު ކޮޓަރިން ފެނުނު އެ ފޮށީގެ ތެރެއިން ޝީރީންގެ ޑީއެންއޭ ފެނުނު ކަމަށް ފުލުހުންގެ ފޮރެންސިކް ތަހުލީލުތަކުން ދެއްކިޔަސް، ޒަނީން ވިދާޅުވި ގޮތުގައި އެއީ ޝީރީންގެ ހަށިގަނޑު އެ ފޮށްޓަށް ލައިގެން ނަޖާހު ގެންދިޔަ ކަން ސާބިތު ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެ ފޮށްޓަކީ ޝީރީންގެ ފޮށްޓެއް ކަމަށް ވެފައި، ޝީރީންގެ އަންނައުނުތައް އެ ފޮށީގައި ހުންނައިރު އޭގެ ސަބަބުން އެ ފޮށީގެ ތެރެއަށް ޝީރީން ޑީއެންއޭ ވާސިލްވުމުގެ ފުރުސަތު އޮތުމެވެ.

ޒަނީން ވިދާޅުވީ ޝީރީންގެ މަރުގެ އަސްލު ސަބަބު ހޯދިފައިނުވާ ކަމަށް ޑޮކްޓަރުގެ ލިޔުންތަކުން ވެސް އެނގޭއިރު، ޝީރީނަށް އަނިޔާއެއް ކޮށްފައި ހުރި ކަން ވެސް ހޯދިފައި ނުވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ޒަނީން ވިދާޅުވި ގޮތުގައި ގަސްދު މަރެއްގައި ފުރިހަމަވާންޖެހޭ އެއްވެސް ރުކުނެއް އެ މައްސަލާގައި ފުރިހަމައެއް ނުވެ އެވެ. އަދި ގަރީނާތަކަށް ބިނާކޮށް ގަސްދު މަރެއް ސާބިތު ނުކުރެވޭނެ ކަމަށް އިސްލާމީ ގިނަ އިލްމުވެރިން ވިދާޅުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަންކަން ފާހަގަ ކުރައްވައި، އޭނާ އެދިވަޑައިގަތީ ނަޖާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވެސް ދެ ފަރާތާ ބައެއް ސުވާލުތައް އަމާޒު ކުރެއްވި އެވެ. އެގޮތުން އެ މައްސަލާގައި އެއްވެސް ވީޑިއޯ ފުޓޭޖެއް ހުށަހެޅިފައި އޮތްތޯ އާއި ޝީރީން މަރުވި ވަގުތު ހޯދިފައި އޮތްތޯ ފަނޑިޔާރުން ދައުލަތާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ނަޖާހު ފޮށްޓެއް ހިފައިގެން ގޮސް ޓެކްސީ އިން ފޭބި ތަނުގެ ވީޑިއޯ ފުޓޭޖެއް އެބައޮތް ކަމަށާއި ޝީރީންގެ ހަށިގަނޑު ފެނުނީ ނަޖާހު ޓެކްސީން ފޭބި ސަރަހައްދުގައި ހަދަމުން ދިޔަ އިމާރާތެއްގެ ތެރެއިން ކަމަށެވެ. އެކަމަކު ޝީރީންގެ ޕޯސްޓްމޯޓަމެއް ހަދާފައި ނުވާތީ އޭނާ މަރުވި އަސްލު ވަގުތު ދެނެގަނެވިފައި ނުވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ތަހުގީގުގައި ސުވާލު ކުރުމުން ހަނު ހުރުމުގެ ހައްގު ނަޖާހު ބޭނުން ކުރީ ކީއްވެގެންތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ނަޖާހު ބުނީ އޭނާ ހަނު ހުރީ އޭނާ ދެއްކި އެއްވެސް ވާހަކައެއް ފުލުހުން ގަބޫލު ނުކުރުމުން ކަމަށާއި އެކަމަކު ޝީރީން ގެއްލުމުން އެކަމުގެ ރިޕޯޓް ފުލުހުންނަށް ކުރީ ވެސް އޭނާ ކަމަށެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ނިޔާޒެވެ.

ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވާ ފެނުނު އެ ހާދިސާއަކީ ރާއްޖޭގެ ސަމާލުކަން އޭރު ލިބުނު މައްސަލަ އެކެވެ.