ސައުދީ ރަސްގެފާނުގެ މެހްމާނުންގެ ގޮތުގައި ހައްޖަށް ދާ ދިވެހިންނާ އިހްރާމް ހަވާލުކޮށްފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ މެހްމާނުންގެ ގޮތުގައި މި އަހަރު ރާއްޖޭން ހައްޖަށްދާ، ރައްޔިތުންގެ މަޖިލިހުގެ އަށް މެމްބަރެއްގެ އިތުރުން އެހެން ހަތް މީހަކާ މިއަދު އިހްރާމް ހަވާލުކޮށްފި އެވެ.


ސައުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި، ސައޫދީ ރަސްގެފާނުގެ މެހުމާނުންގެ ގޮތުގައި ހައްޖަށް ދާ ކަމުގެ ލިޔުމާއި އިހްރާމް ހަވާލުކޮށްދެއްވީ ސައުދީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މެތްރިކް އަބްދުﷲ އަލްދޯސަރީ އެވެ.

ސައޫދީ ރަސްގެފާނުގެ މެހުމާނުންގެ ގޮތުގައި ހައްޖަށް ދިއުމަށް ދިވެހި ސަރުކާރުން ކަނޑައެޅި މީހުންގެ ތެރޭގައި ގިނައީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ހަތް މެމްބަރަކާއި އެމްޑީއޭގެ މެމްބަރެކެވެ.

އެއީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް، ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން، ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން، މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް ރަޝީދު، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީގެ އިތުރުން މަނަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އުމަރު ހުސެއިނެވެ.

ސައޫދީ ރަސްގެފާނުގެ މެހުމާނެއްގެ ގޮތުގައި ހައްޖަށް ވަޑައިގަންނަވާ މެމްބަރު މުއާޒްއާ މިއަދު އިހްރާމް ހަވާލު ކުރައްވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ އާއި ރައީސް އޮފީހާއި އިސްލާމިކް ޔުނިވާސިޓީ އާއި އިސްލާމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވެސް ސައޫދީ ރަސްގެފާނުގެ މެހްމާނުންގެ ގޮތުގައި ހައްޖަށް ދެ އެވެ.

އެމީހުން ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ސައުދީ އެއާލައިންގެ ހާއްސަ ފްލައިޓެއްގައި ކަމަށް ސައުދީ އެމްބަސީން ބުނެ އެވެ.

ސައޫދީ ރަސްގެފާނުގެ މެހުމާނެއްގެ ގޮތުގައި ހައްޖަށް ވަޑައިގަންނަވާ، ރައީސް އޮފީހުގެ އިސްބޭފުޅަކާ މިއަދު އިހްރާމް ހަވާލު ކުރައްވަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ސައޫދީ ރަސްގެފާނުގެ މެހްމާނުންގެ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުން ހާހަކަށް ވުރެ ގިނަ މީހުން މި އަހަރު ހައްޖަށް ދެ އެވެ.

ސައޫދީން ރާއްޖެ އަށް މި އަހަރަށް ދިން ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ފަސް ކުންފުންޏަކަށް 2،000 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދީފަ އެވެ.