އިސްލާހަށް ނުކުތް އައްޑޫ މީހުން އުޅެނީ ވަރަށް ދަތި ހާލުގައި: ފަޒާ އަހުމަދު

ރާއްޖޭގެ ކަންކަން އިސްލާހު ކުރަން ނުކުތް އައްޑޫ މީހުން އުޅެނީ ވަރަށް ދަތި ހާލުގައި ކަމަށާއި އެ މީހުންގެ ހާލަތު ބަދަލުވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ގައި ހިތަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓު އަހުމަދު މުހައްމަދު (ފަޒާ އަހުމަދު) މިރޭ ވިދާޅުވެއްޖެ އެވެ.


އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކުރީގެ މެމްބަރު ފަޒާ އަހުމަދުގެ މާލޭގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ހަފުލާގަިއ ވިދާޅުވީ، އިސްލާހީ ހަރަކާތުގެ އެންމެ ކުރީ ސަފުގައި އުޅުނީ އައްޑޫ މީހުން ކަމަށް ވިޔަސް މިއަދު އެންމެ ދަތި ހާލުގައި އުޅެން ޖެހިފައި ވަނީ އެ މީހުންނަށް ކަމަށެވެ. އަދި އެންމެ ހާލުގައި އޮތީ ވެސް، ތަރައްގީ ނުވަނީ ވެސް އައްޑޫ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައްޑޫގެ ތަރައްގީ އަށް ކޮށްދޭން ޖެހެނީ ހަމައެކަނި ކޮންވެންޝަން ސެންޓަރެއް ނޫން،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓް ބޭއްވުމަށް އެތައް މިލިއަން ރުފިޔާ އެއް ހަރަދުކޮށްގެން އެޅި އިމާރާތަށް އިޝާރާތް ކުރައްވައި އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން ބޭނުންވާ ތަރައްގީ ގާނޫނަކުން އެކަނި ނުހޯދޭނެ ކަމަށާއި ކަންކަން އިސްލާހު ވާނީ ވަކި ފިކުރެއްގެ ނުވަތަ ކުލައެއްގެ ބަޔަކު ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުކޮށްގެން ނޫން ކަމަށެވެ.

މިހާރު އަމަލުކުރާ ގާނޫނުއަސާސީ ތަސްދީގުކުރުން އަވަސް ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ބާރު އެޅުމުގެ ގޮތުން އައްޑޫން ފުރައިގެން ނަމޫނާ ދޯނީގައި މާލެ އައުމުން ޖަލުގެ އަނިޔާވެރިކަން ވެސް ތަޖުރިބާ ކޮށްފައިވާ އަހުމަދު ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރުވައި ކޮރަޕްޝަންގެ ކަމެއް ހިނގާ ނަމަ އެކަން ހުއްޓުވަން ވަކި ޕާޓީއަކުން މީހަކު ރައްޔިތުންގެ މަޖިލިހަށް ހޮވަން ނުޖެހޭ ކަމަށެވެ. އަދި ރައްޔިތުން މަޖިލިހަށް ހޮވަން ޖެހޭނީ، ތެދުވެރި، އިހުލާސްތެރި، އީމާންތެރި، ރައްޔިތުންގެ ހައްގު ހޯދައިދޭނެ މީހެއް ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޫ ގާނޫނުއަސާސީއަކުން ފެހި ގާނޫނުއަސާސީއަކަށް ރާއްޖެ އޮތީ އައި ނަމަވެސް އެކަމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިފައެއް ނެތެވެ.

"ހުރިހާ މުއައްސަސާތަކާ ބައްދަލުކޮށް ހުރިހާ އާދޭސް ކުރަން ޖެހިއްޖިއްޔާ ފައިބުޑަށް އާދޭސްކޮށްގެން ކޮންމެ ކަމަކަށް ހައްލު ހޯދައި ދިނުމަކީ އަޅުގަނޑުގެ އަމާޒު،"--- އަހުމަދު

"އެއީ ވަރަށް ބޮޑު މަސައްކަތުން ހޯދި އެއްޗެއް. ފެހި ގާނޫނުއަސާސީން ތިން ބާރުތައް ވަކިވެ، އެކިއެކި މުއައްސަސާތައް ހެދި އިރު މުއައްސަސާތައް ހިންގުމަށް ރައްޔިތުންގެ ފައިސާ އިން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރޭ. އެކަމަކު މުއައްސަސާތަކުން ކުރި ކަމެއް ނެތް،" އަހުމަދު ވިދާޅުވި އެވެ.

ފަޒާ އަހުމަދުގެ ކެމްޕެއިން ޖަގަހައިގައި ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެހެންވެ، މިކަންކަން ހައްލުކޮށްދޭނެ ހަމައެކަނި ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށާއި ރައްޔިތުން މަޖިލިހަށް ފޮނުވަންވީ އެންމެ ރަނގަޅު މީހާ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

"ރައްޔިތުން ހަމައެކަނި ވިސްނަންވީ ތިމާގެ ހައްގު އަދާކޮށްދޭނީ ކޮން މީހަކު ކަން. ރަނގަޅު މީހަކު ފޮނުވައިފި ނަމަ، ރައްޔިތުން އެދޭ އިސްލާހު އަންނާނެ،" އަހުމަދު ވިދާޅުވި އެވެ.

އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދިފައި ނުވާކަން ފާހަގަ ކުރައްވައި އަހުމަދު ވިދާޅުވީ ވަކި މީހަކު ވެރިކަމަށް ވަޑައިގަތުމުން، އައްޑު އަށް ތަރައްގީ އަންނާނެ ކަމަށް އެ ސިޓީގެ ރައްޔިތުންނަށް ވިސްނިފައި އޮތަސް، މިދިޔަ 12 އަހަރުގެ ތެރޭގައި އައްޑު އަށް އައި ބަދަލެއް ނެތް ކަމަށެވެ. އަދި މަޖިލިހަށް ނުކުންނެވީ، މި އަށް ވުރެ، ފެހި އައްޑު އެއް ހޯދައި ދިނުމަށް ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

"އައްޑޫ ތަރައްގީ އަށް ކޮށްދޭން ޖެހެނީ ހަމައެކަނި ކޮންވެންޝަން ސެންޓަރެއް ނޫން،"---އަހުމަދު

އައްޑޫ ރައްޔިތުންގެ ހާލު ވަރަށް ބޮޑަށް ވަޒަން ކުރެވިފައިވާ ކަން ފާހަގަ ކުރައްވައި އަހުމަދު ވިދާޅުވީ އައްޑޫގެ އާބާދީގެ 70-80 ޕަސަންޓު މީހުން ދިރިއުޅެނީ މާލޭގައި ކަމަށެވެ. އަދި އެމީހުން ކުރާ އެންމެ "ފަރިތަ ކަމަކީ" ލިބޭ މުސާރަ މާލެ މީހުންނަށް ކުލީގެ ގޮތުގައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުލި ދެއްކުމަށް ފަހު، ގޭގެ ހަރަދުތައް ބަލަހައްޓަން ބާކީ އޮންނަނީ 2،000ރ. ނޫނީ 3،000ރ. ކަމަށާއި ބައެއް މީހުން އެކި ބޭނުންތަކަށް ދަރަނީގެ ގޮތުގައި ފައިސާ ނަގާތީ، މުސާރަ އޮންނަނީ ހުސްވެފައި ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. މި ހާލަތު ބަދަލު ކުރުމަށް އެކިއެކި ސިފަސިފައިގައި ފޮތްތައް ނެރުނު ނަމަވެސް، އައި ބަދަލެއް ނެތް ކަމަށް އަހުމަދު ވިދާޅުވި އެވެ.

ފަޒާ އަހުމަދު ވާހަކަ ދައްކަވަނީ. މައްސަލަތައް ހައްލު ކުރަން މުއައްސަސާތަކުގެ ފައިބުޑަށް ވެއްޓޭނެ ކަމުގެ ޔަގީންކަން ފަޒާ އަހުމަދު ވަނީ ދެއްވާފައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި، ނާކާމިޔާބުވެވަޑައިގެންނެވި އަހުމަދު ވިދާޅުވީ އެމްޑީޕީގެ އެ ތެރޭގައި ގޯހެއް ހަދައިފިނަމަ، އެކަން ދުވަހަކު ވެސް ދިފާއު ނުކުރައްވާނެ ކަމަށެވެ. ޕާޓީތަކުން ކުރާ ގޯސް ކަންކަން ދިފާއު ކުރަން ތިބޭ ނަމަ، ދުވަހަކު ވެސް ރާއްޖެ އިސްލާހު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ވޯޓަކީ އަމާނާތެއްގެ ގޮތުގައި ދެކި ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ ކޮންމެ ކަމެއް މަޖިލިހުގައި ކުރައްވާނެ ކަމަށެވެ. އަދި މަޖިލިހަށް ހާޒިރުވެ، ބިލްތައް ހުށަހަޅައި، އައްޑޫގެ މައްސަލަތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންގޮސް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު މުހައްމަދުގެ ކެމްޕެއިން ޖަލްސާ ކުރިއަށް ދަނީ. މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުން އުޅެނީ ވަރަށް ދަތި ހާލެއްގައި ކަމަށް އަހުމަދު ވިދާޅުވި. --- ހުސެއިން ވަހީދު/ މިހާރު

"ހުރިހާ މުއައްސަސާތަކާ ބައްދަލުކޮށް ހުރިހާ އާދޭސް ކުރަން ޖެހިއްޖިއްޔާ ފައިބުޑަށް އާދޭސްކޮށްގެން ކޮންމެ ކަމަކަށް ހައްލު ހޯދައި ދިނުމަކީ އަޅުގަނޑުގެ އަމާޒު. ރައްޔިތުންގެ މީހަކަށް އަބަދުވެސް ވާނީ،" މާލޭގައި ދިރިއުޅޭ އައްޑޫގެ ގިނަ ބަޔަކު ބައިވެރިވި ކެމްޕެއިން ޖަލްސާގައި އަހުމަދު ވިދާޅުވި އެވެ.

މަޖިލިހަށް އަންނަނީ ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމަށް ކަމަށްވާ އިރު، ސަރުކާރު ޒިންމާދާރު ކުރުވައި ކޮރަޕްޝަންގެ ކަމެއް ހިނގާ ކަމަށްވާ ނަމަ، އެކަން ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.