ތިލަދުންމަތީ 3 މެމްބަރުންނާ ދެކޮޅަށް ރައީސް ނުކުންނެވުމުން، ވަރަށް އަސަރުކޮށްފި: ލަތީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުމަށް އެންމެ ބޮޑު ގުރުބާނީއެއް ވެ ވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ތެރެއިން ތިލަދުންމައްޗަށް ނިސްބަތްވާ ތިން މެމްބަރަކާ ދެކޮޅަށް ރައީސް ކެމްޕޭނަށް ނުކުމެވަޑައިގަތުމުން "ވަރަށް އަސަރުކޮށްފި" ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަކީ ޔާމީނާ ދެކޮޅަށް ނުކުމެވަޑައިގެން އިދިކޮޅު ޕާޓީތަކާ [މިހާރު ސަރުކާރު ކޯލިޝަނާ] ގުޅިވަޑައިގަތުމުން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި އެ މެމްބަރުންގެ ތެެރެއިން ދިއްދޫ ދާއިރާ އަށް ލަތީފު ވާދަކުރައްވާ އިރު ހަނިމާދޫ ދާއިރާ އަށް ޝަހުދީ އަދި އިހަވަންދޫ ދާއިރާ އަށް މުހައްމަދު އަބްދުﷲ (މުހައްމާ) ވަނީ ކުރިމަތިލައްވައިފަ އެވެ. ޖޭޕީގެ ޓިކެޓުގައި ޝަހުދީ ވާދަކުރައްވާ އިރު ލަތީފާއި މުހައްމާ ވާދަ ކުރައްވަނީ އަމިއްލަ ގޮތުންނެވެ.

ގޮނޑި ކަށަވަރު ކުރަން މި މެމްބަރުން ކެމްޕޭން ކުރައްވަނިކޮށް، އެ ދާއިރާތަކަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް އިއްޔެ ވަނީ ތިލަދުންމައްޗަށް ވަޑައިގެންފަ އެވެ.

ރައީސްގެ ތިލަދުންމަތީ ދަތުރުފުޅަކީ 12 މެމްބަރުންނަށް ވެވަޑައިގަތް ވައުދަކާ ޚިލާފުވުން ކަމަށް ސިފަކުރައްވައި، ލަތީފް ވިދާޅުވީ "ވަރަށް ހިތްދަތި ވެއްޖެ" ކަމަށެވެ. ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، މި އިންތިޚާބުގައި 12 މެމްބަރުންނާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރައްވަން ރައީސް ވައުދުވެވަޑައިގަތުމަށް ފަހު، ބަސްފުޅާ ޚިލާފުވެވަޑައިގަތް ކަން އަމަލުފުޅުން ދެއްކެވުމެވެ.

އެ ދާއިރާތަކުން އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް ރައީސް ކެމްޕޭން ކުރެއްވުމަކީ 12 މެމްބަރުންގެ އިތުރުން ދާއިރާގެ ރައްޔިތުންނަށް ވެސް ދެއްވާ ދެރައެއް ކަމަށް ލަތީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާދަ ކުރާ ދާއިރާތަކަށް، އަޅުގަނޑުމެންނާ ދެކޮޅަށް ކެމްޕޭނަށް ވަޑައިނުގަތުމަކީ ރައީސްގެ ވައުދެއް. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދުވާފަރުގައި އަދި އޭގެ ފަހުން ވެރިކަމަށް ހޮވިވަޑައިގެން ކުރުނބާގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ތިމަން މަނިކުފާނު ވައުދުވަމޭ ދާއިރާތަކަށް ތިޔަ މެމްބަރުން ހޮވައި ދޭން މަސައްކަތް ކުރަން،" ލަތީފް ވިދާޅުވި އެވެ.

"އެ ވައުދާ ރައީސް ޚިލާފުވެވަޑައިގަތުމުން ވަރަށް އަސަރުކޮށްފި."

ޝަހުދީ އާއި ލަތީފް އަދި މުހައްމާ: އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ތިލަދުންމައްޗަށް ވަޑައިގަތުމަކީ އެ މެމްބަރުންނަށް ވެވަޑައިގަތް ވައުދާ ޚިލާފުވުން ކަމަށް ލަތީފް ވިދާޅުވި.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ރައީސް ކެމްޕޭން ކުރެއްވުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ހިތާމައަކީ، 12 މެމްބަރުން ވާދަ ކުރައްވާ އެއްވެސް ދާއިރާ އަކަށް، އެ ދާއިރާގެ މެމްބަރުންނާ ދެކޮޅަށް ކެމްޕޭން ކުރައްވަން ވަޑައިނުގަންނަވާނެ ކަމުގެ ވައުދާ ޚިލާފުވުން ކަމަށް ތަކުރާރުކޮށް ލަތީފް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގާނޫނުއަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަމުން ދިޔަ ކަންކަން ހުއްޓި އެމަނިކުފާނުގެ ކޮންޓްރޯލް މަޖިލީހުގައި ގެއްލުނީ ޕީޕީއެމްގައި ތިއްބެވި 12 މެމްބަރުންނާ ހެދި އެވެ. އެ މެމްބަރުން ޔާމީނާ ދެކޮޅަށް ނުކުމެވަޑައިގަންނަވައި އޭރުގެ އިދިކޮޅު ޕާޓީތަކާ [މިހާރު ސަރުކާރު ކޯލިޝަން]އާ އެކު މަސައްކަތް ކުރެއްވުމަކީ ޔާމީނަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު ގޮންޖެހުމެކެވެ.

އެއާއެކު އޭރު ސަރުކާރުން ކޮންޓްރޯލް ކުރި އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން މަޖިލީހަށް ވެންނެވުން ވެސް މަނާކުރި އެވެ. އެ މެމްބަރުންގެ ގޮނޑި ކަށަވަރުވީ، ވެރިކަން ބަދަލުވެ، އިލެކްޝަންސް ކޮމިޝަންގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ.

ލަތީފް ވިދާޅުވީ ކުރީގެ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން އާއްމުކޮށް، ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ ނުހައްގުން މީހުން ޖަލަށް ލައި ކުރި މަސައްކަތާ ދެކޮޅަށް ނުކުންނެވި 12 މެމްބަރުންގެ މަތިން ސަރުކާރު ހަނދާން ނައްތާލުމަކީ ވެސް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

"ޕާޓީތަކުގެ ލީޑަރުން އަޅުގަނޑުމެންނަށް ފުރަތަމަ ވީ ވައުދަކީ އެ ދާއިރާތަކުން ނުކުންނެވުމުގެ ފުރުސަތު ދެއްވާނަމޭ. އެއީ، ނުހައްގުން ގޮނޑި ގެއްލުވާލައި އެތައް އަނިޔާއެއް މެމްބަރުންނަށް ކުރީގެ ސަރުކާރުން ދިން ކަން ލީޑަރުން ވެސް ގަބޫލު ކުރައްވާތީ. އެކަމަކު ފަހުން އެ ވައުދުގެ މަތިން ވެސް ހަނދާން ނައްތާލެއްވީ. އެއާއެކު އަޅުގަނޑުމެންނާ ދެކޮޅަށް ކެމްޕޭން ވެސް ކުރައްވަނީ،" ލަތީފް ވިދާޅުވި އެވެ.

ރާއްޖޭގައި ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުވައިދޭނެ ސަރުކާރެއް ގާއިމްކުރަން 12 މެމްބަރުން ކުރި މަސައްކަތް ހަނދާން ނައްތާލައްވައި އެ މެމްބަރުންނާއި ދާއިރާތަކުގެ ރައްޔިތުންގެ ހިތުގައި ނުޖެއްސުމަށް ލަތީފް އެދިވަޑައިގަތެވެ.