ފަސް ވަނަ ބުރިން 15 ފޫޓުގެ ދަގަނޑު ހޮޅިއެއް ވެއްޓިއްޖެ

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ގެއެއްގެ ފަސް ވަނަ ބުރިން މަގު މައްޗަށް ދަގަނޑު ހޮޅިއެއް ވެއްޓުމުގެ ނުރައްކާތެރި ހާދިސާއެއް މިއަދު ހިނގައިފި އެވެ.


ފުލުހުން ބުނީ އިނޮކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން މައްޗަންގޮޅީގައި ހަދަމުން އަންނަ ގެއަކުން ވެއްޓުނީ 15 ފޫޓް ދިގު ދެ އިންޗި ފުޅާ ހޮޅިއެއް ކަމަށާއި ހޮޅި ވެއްޓުނީ ކޮޅަށް ކަމަށެވެ. އެ ހާދިސާގައި މީހަކަށް ކަމެއް ނުވެ އެވެ. މަގުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގައި ހޮޅިން ޖެހުނު ކަމަށާއި ނަމަވެސް އެ އުޅަނދުތަކަށް ވެސް ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ހާދިސާ ހިނގި ތަނަށް ފުލުހުން ގޮސް ހައުސިން މިނިސްޓްރީ އާއި ސިޓީ ކައުންސިލަށް އެންގުމުން އެ ދެ އިދާރާގެ އޮފިޝަލުން ވެސް ވަނީ އެތަނަށް ގޮސް މައްސަލަ ބަލައިފަ އެވެ. އަދި އެ ހާދިސާ ހިނގި ގޭގައި ކުރަމުން އައި މަސައްކަތް ފުލުހުން ވަނީ ހުއްޓުވައިފަ އެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މާލޭގައި ހަދަމުން އައި އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ކުޑަ ކުއްޖަކު މިދިޔަ ޑިސެމްބަރުމަހު މަރުވި އެވެ. އެހާދިސާގައި މަރުވީ އުމުރުން އަށް އަހަރުގެ ރޯޝަން ޖިއާން އެވެ. އެއީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ޑޮކްޓަރެއްގެ ދަރި އެވެ.

އެ ހާދިސާ އަށް ފަހު، މާލޭގައި މަސައްކަތްކުރާ ސައިޓުތައް ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީން ބަލައި ބައެއް ތަންތަނުގެ މަސައްކަތް ވެސް ހުއްޓުވި އެވެ. ނަމަވެސް އޭގެ ފަހުން ވެސް ސަލާމަތީ ކަންތައްތަކުގައި އިހުމާލު ވުމުގެ ސަބަބުން މާލޭގައި ގިނަ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ.