އީދާ ގުޅިގެން ސެޕްޓެމްބަރު 15 ވެސް ބަންދުކޮށްފި

ސެޕްޓެމްބަރު ދެ ވަނަ ދުވަހަކީ ޒުލްހިއްޖާމަހުގެ އެއް ވަނަ ދުވަސް ކަމަށް ސައުދީ އަރަބިއްޔާ އިން ނިންމައިފި ނަމަ، ސެޕްޓެމްބަރު 15 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.


ރައީސް އޮފީހުން ބުނިގޮތުގައި ބުރާސްފަތި ދުވަސް ބަންދު ދުވަސް ވެސް ބަންދުކުރަން ނިންމީ، ބޮޑު އީދު ޗުއްޓީއަށް ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުން ދުރާލާ ރާވައިގެން ކުރާ ކަންކަމަށް ދަތިތަކެއް ކުރިމަތިވެދާނެތީ އެކަމަށް ލުޔެއް ދިނުމަށެވެ.

މި އަހަރުގެ ބޮޑު އީދު ބަންދު ސެޕްޓެމްބަރު 11 ގައި ފެށޭއިރު ކުރިން އޮތް ގޮތުން ނަމަ 15 ވަނަ ދުވަހު ސަރުކާރު ހުޅުވޭނެ އެވެ. މިހާރު އެ ދުވަސް ބަންދުކުރުމުން ސަރުކާރު ހުޅުވޭނީ ސެޕްޓެމްބަރު 18 ވާ އާދިއްތަދުވަހު އެވެ.

މިހާރު ހަމަޖެއްސި ގޮތުން ސެޕްޓެމްބަރު 9 ވާ ހުކުރުދުވަހުން ފެށިގެން 17 އާ ހަމައަށް، އީދު ބަންދަށް ނުވަ ދުވަސް ލިބޭނެ އެވެ.