ކޮމަންވެލްތު އޮބްޒާވަރުން ބައެއް ކެންޑިޑޭޓުންނާ ބައްދަލުކޮށްފި

ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރަން ކޮމަންވެލްތުން ރާއްޖެއަށް ފޮނުވި ވަފުދުން އަމިއްލަ ބައެއް ކެންޑިޑޭޓުންނާ ބައްދަލުކޮށްފި އެވެ.


ކޮމަންވެލްތުގެ ވަފުދުން އިއްޔެ ބައްދަލުކުރި އަމިއްލަ ކެންޑިޑޭޓުންގެ ތެރެއިން އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވާފައިވާ، އަބްދުލް މަތީން މުހައްމަދު "މިހާރު" އަށް ވިދާޅުވީ ވަފުދުން ސުވާލުކުރީ ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު އޮތްތޯ އާއި އިންތިހާބުގެ އިންތިޒާމުތަކާ މެދު ކަންބޮޑުވުމެއް އޮތްތޯ ބަލަން ކަމަށެވެ. އެގޮތުން ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިހާބުގެ ކެމްޕޭންގައި ސިޔާސީ ޕާޓީތަކުން ހިންގާ، ކަންބޮޑުވާ ފަދަ ކަންތައްތަކުގެ މައުލޫމާތު އަޅުގަނޑު ހިއްސާކުރިން ވަފުދުގެ ބޭފުޅުންނާ،" އޭނާ ވިދާޅުވި އެވެ.

އިންތިހާބު އޮބްޒާވްކުރަން ކޮމަންވެލްތުން ރާއްޖެއަށް ފޮނުވި ވަފުދުގެ ވެރިޔަކީ ޖެމެއިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑިން އެވެ. އެ ވަފުދު ރާއްޖެއަށް ފޮނުވި ސަބަބާ ބެހޭ ގޮތުން މާޗް 26 ގައި ކޮމަންވެލްތުން ބުނީ ރާއްޖެ އެޖަމާއަތުން ވަކިވެފައި ވިޔަސް ވަފުދެއް ފޮނުވަނީ އަލުން ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފައި ވާތީ އާއި ވަފުދެއް ފޮނުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައި ވާތީ ކަމަށެވެ.

ކޮމަންވެލްތުގެ ވެބްސައިޓްގައި އޭރު ޝާއިއުކުރި ޚަބަރުގައިވާ ގޮތުން އެ ޖަމާއަތުގެ ވަފުދުން މި އިންތިހާބު އޮބްޒާވް ކޮށްގެން ހޯދާ ހޯދުންތަަކަކީ ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިކުރުމަށް ބާރަކަށް ވާނެ އެވެ. އެގޮތުން އެ ޖަމާއަތުގެ އުސޫލުތަކަށް ރާއްޖޭން އަމަލުކުރާކަން ނުވަތަ ނޫންކަން، އެ ހޯދުން ތަކުން މެމްބަރު ގައުމުތަކަށް ސާފުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމަންވެލްތު ވަފުދުގައި ހިމެނި ވަޑައިގަންނަވަނީ އިންތިހާބުތައް ބޭއްވުމާއި ގާނޫނީ، ސިޔާސީ އަދި ޑިޕްލޮމެޓިކް ދާއިރާގެ ތަޖުރިބާކާރު 13 ބޭފުޅުންނެވެ. އިންތިހާބް އޮބްޒާވް ކުރުމަށް ފަހު އެ ވަފުދުން ތައްޔާރުކުރާ ރިޕޯޓް ފުރަތަމަ ހުށަހަޅާނީ އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލޭންޑަށެވެ. އެ ރިޕޯޓް ދިވެހި ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާނީ އޭނާ އެވެ.

މިފަހަރުގެ އިންތިހާބު އޮބްޒާވްކުރަން ބައިނަލްއަގުވާމީ 30 ފަރާތެއް ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ. އެގޮތުން މި އިންތިހާބު އޮބްޒާވްކުރަނީ ކޮމަންވެލްތާ އެކު ހަ ޖަމާއަތަކުންނާއި ހަތަރު ގައުމަކުންނެވެ.

އިންތިހާބު އޮބްޒާވްކުރާ ހަތަރު ގައުމަކީ ޖޯޖިއާ، އުރުދުން، ފިލިޕީންސް އަދި ޖަޕާނެވެ. މީގެ ތެރެއިން ތިން ގައުމަކީ އީސީން ދައުވަތު ދީގެން އޮބްޒާވްކުރާ ގައުމުތަކެވެ. ޖަޕާނުން މި އިންތިހާބު އޮބްޒާވް ކުރަނީ އަމިއްލައަށް އެދިގެންނެވެ.

އިންތިހާބް އޮބްޒާވްކުރާ ޖަމާއަތްތަކުގެ ތެރޭގައި ކޮމަންވެލްތުގެ އިތުރުން ޔޫރަޕިއަން ޔޫނިއަނާއި އޭޝިއަން ނެޓްވޯކް ފޯ ގްރީ އިލެކްޝަންސް ހިމެނެ އެވެ.