މަޖިލިހުގައި އަމިއްލަ މެމްބަރުންނަށް ކުރެވޭނެ ކަމެއް ނެތް: ނަޝީދު

ރައްޔިތުންގެ މަޖިލިހަށް އަމިއްލަ މެމްބަރުން އިންތިޚާބު ކޮށްފި ނަމަ، ކުރެއްވޭނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ކެންޑިޑޭޓުންނަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.


އަންނަ ހޮނިހިރު ދުވަހު އޮންނަ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މަނަދޫ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ހާރޫންގެ ކެމްޕެއިނަށް ނ. މާފަރަށް ވަޑައިގެން ނަޝީދު ވިދާޅުވީ މަޖިލިހުގައި 87 މެމްބަރުން ތިއްބަވާ އިރު، މަޖިލިހަށް ހުށަހަޅާ ކަންކަން ނިންމޭނީ އަޣުލަބިއްޔަތުން ކަމަށެވެ. އެކަމަކު، މަޖިލިހުގައި އަމިއްލަ މެމްބަރުންނަށް ކަންކަމުގައި ބަހުސް ކުރެވިދާނެކަން ނަޝީދު ފާހަގަކުރެއްވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނ. މާފަރަށް ވަޑައިގަތުމުން، އެމްޑީޕީގެ ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

"ކިހިނެއްތޯ އެއް ކަމެއް ވެސް ކުރާނީ؟ އެއީ 87 މެމްބަރުން ތިބޭ ތަނެއް. އެ ތަނުގައި ކަމެއް ނިންމާނީ އަޣުލަބިއްޔަތުން. އެންމެ މީހަކަށް، ޕާޓީއެއް ނެތި، އަޣުލަބިއްޔަތެއް ނެތި އެތަނުގައި އިންނަ މީހަކަށް ކޮށްދެވޭނެ އެއް ކަމެއް ވެސް ނޯންނާނެ،" ނަޝީދު ވިދާޅުވި އެވެ.

މިހާރު ހިނގަމުން އަންނަ މަޖިލިހަށް އިންތިޚާބުވި އަމިއްލަ ގިނަ މެމްބަރުން ކުރެއްވި ކަމަކީ އެންމެ ރަނގަޅު އަގަކަށް އެ މެމްބަރަކު ބޭނުން ޕާޓީއަކާ ގުޅިވަޑައިގަތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޕޯސްޓަރުގައި ހުންނަނީ ކުޑަކޮށް ރީނދޫކޮށްލާފައި. ޝިއާރުގައި ހުންނަނީ އަޅުގަނޑުމެން ދައްކާ ވާހަކައިގެ ތުނޑުތަކެއް. ޕޯޑިއަމްގައި ވިދާޅުވަނީ އެޖެންޑާ 19 އޭ. ފޮޓޯ ނަގާފައި ހުންނަނީ އަޅުގަނޑާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި،" މި އިންތިޚާބުގައި ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓުންނަށް ހަޖޫ ޖައްސަވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މީގެ ކުރިން، އެފަދަ ބޭފުޅުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނު ފެނިވަޑައިގަތުމުން، "ދެ ދަތް ޖެހި ހޭބަލިވެ ރުޅިގަދަވެގެން ވެއްޓޭ" ބައެކެވެ. އެކަމަކު، މިއަދު އެ ބޭފުޅުންނަށް ރީނދޫ ކުލަ ރީތިވުމަކީ އެމްޑީޕީ އަށް ލިބޭ ކާމިޔާބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު ނ. މާފަރަށް ވަޑައިގެން ކުރުނބާއެއް ހިފަހައްޓައިގެން. --- ފޮޓޯ: އެމްޑީޕީ

"އަޅުގަނޑުމެންގެ ވާދަވެރިންނަށް އެ ބަލައިގަނެވިފައި ތިބި ވަރުން އެމީހުންގެ އަންހެނުންގެ މޭމަތީގައި އެ ވަނީ ގުލްސަންޕާ މާ ޖަހާލާފައި،" އަމިއްލަ ކެންޑިޑޭޓުންނަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލިހުގެ މެމްބަރުން ވިކިގެން ދިޔަ މަންޒަރަކީ ރައްޔިތުންނަށް ފެނުނު ފިއްކަނޑައިގެންދާ ވަރުގެ ކަމެއް ކަމަށެވެ. އެކަމަކު، ރައްޔިތުން ބޭނުން ވަނީ ނަޒަހާތްތެރި، ގާބިލް، ބޭނުންތައް ފުއްދައިދޭނެ މަޖިލިހެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން މަޖިލިހުގެ އިންތިޚާބަށް ތައްޔާރު ކުރި 'އެޖެންޑާ 19' އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ނަޝީދު ވިދާޅުވީ އެ ސިޔާސަތު ވާނީ ރައްޔިތުންނަށް ދުވަހަކު ވެސް ނުލިބޭ ފަދަ ތަނަވަސްކަން ލިބޭ ސިޔާސަތަކަށް ކަމަށެވެ. އެމްޑީޕީން ދެނީ ފަސް އަހަރުގެ އެޖެންޑާއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.