ސައިކަލު ވަށިގަނޑަށް ތުއްތު ކުއްޖަކު ލައިގެން ދުއްވައިފި

ތުއްތު ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެން މާލޭގައި ދުއްވި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ރޭ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަގޮތުގައި ރޭގަނޑު އާޓިފިޝަލް ބީޗް ކުރިމަތިން، ވޭވް ހުދު ސައިކަލެއްގައި ދިޔަ މީހަކު އިންނަނީ ކުޑަ ފިރިހެން ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެންނެވެ. އެ ކުއްޖާ ވަށިގަނޑު ތެރޭގައި އިނީ އެނބުރި ވެސް ނުލެވޭހާ ތާށިކޮށެެވެ. ސްޕީޑް ބްރޭކަރު މަތިން ސައިކަލް އަރާއިރު ވަށިގަނޑު މައްޗަށް އުފުލި ތިރިވާތީ ފެނެ އެވެ.

ސައިކަލް ދުއްވި ތަން ވީޑިއޯކޮށްފައި ވަނީ އެހެން ސައިކަލެއްގައި ދިޔަ މީހަކު ކަމަށް ބެލެވެ އެވެ. ނަމަވެސް މިއީ ކޮން އިރަކު ހިނގި ކަމެއްކަން އެނގޭނެ ގޮތެއް ވީޑިއޯ އަކު ނެތެވެ. އަދި ކުއްޖާ ގޮވައިގެން ދިޔައީ ކާކު ކަމެއް ވެސް އަދި ނޭނގެ އެވެ.

ކުޑަކުއްޖާ ސައިކަލް ވަށިގަނޑުގައި

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އިތުރު ތަފްސީލު ހާމަކުރާނެ ކަމަށެވެ.

މި ވީޑިއޯ އަށް ސޯޝަލް މީޑިއާގައި ފާޑު ކީ ބައެއް މީހުން ވަނީ މިއީ ލާއިންސާނީ އަމަލެއް ކަމަށް ބުނެފަ އެވެ. ކުއްޖާ ގެންނަ ހަރަކާތަކުން ނުވަތަ ވަށިގަނޑު ބިނދުން ފަދަ ކަމަކުން އެ ކުއްޖާ އަށް ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ ކަމަށް ބުނެ، މިކަން ކުރި މީހާ އަށް ފިޔަވަޅު އަޅަން މީހުން ގޮވާލާފައިވެ އެވެ.

މީގެ ކުރިން ވެސް ވަނީ ކުޑަކުދިން ގޮވައިގެން ދުއްވާ މީހުންގެ މިފަދަ މައްސަލަތަކެއް ފެންމަތިވެފަ އެވެ. ބައެއް ފަހަރު ކުޑަކުދިންގެ އަތަށް ހުންގާނު ދީގެން ދުއްވުމާއި ކުޑަ ކުއްޖަކާއެކު ތިން މީހުން ސައިކަލަށް އަރައިގެން ދުއްވުން ފަދަ ކަންކަން ވެސް ކޮށްފައިވެ އެވެ.