މަޖިލީހުގެ މެމްބަރުން ވަކިކުރެވޭ ގޮތަށް ހަދަން ޕާޓީތަކަށް ޕެޓިޝަނެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު، އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނެގޭނެ އުސޫލެއް ގާއިމްކުރުމަށްޓަކައި 500 އަށްވުރެ ގިނަ މީހުންގެ ސޮޔާ އެކު ޕާޓީތަކަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.


ޕެޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް އުޅުއްވި ގަލޮޅު އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ހަމްޒާ ހަލީލް "މިހާރު" އަށް ވިދާޅުވީ ސަރުކާރު ކޯލިޝަންގައި މިވަގުތު އެންމެ ހަރަކާތްތެރިކޮށް އޮތް ތިން ޕާޓީ އަށް އެ ޕެޓިޝަން ހުށަހަޅާފައިވާ ކަމަށެވެ. އެއީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އެވެ.

މެމްބަރުން ވަކިކުރެވޭ ޕެޓިޝަން، ޖޭޕީ އޮފީހާ ހަމްޒާ ހަވާލުކުރަނީ.-

އޭނާ ވިދާޅުވީ ޕާޓީތަކަށް ޕެޓިޝަން ހުށަހެޅިކަމުގައި ވިއަސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަދި ވެސް އެ ޕެޓިޝަންގައި ސޮއިކުރަމުން އަންނަ ކަމަށެވެ. ބިލަކަށްވެ މަޖިލީހަށް ހުށަހެޅަންދެން އެ ޕެޓިޝަންގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ހަމްޒާ ވިދާޅުވި އެވެ.

ޕާޓީތަކުން އިހުލާސްތެރިކަން ދައްކައި، ރައްޔިތުންގެ ތާއީދާއެކު އެ ބިލް މަޖިލީހަށް ހުށަހަޅާނެ ކަމަށް އުއްމީދުކުރައްވާ ވިދާޅުވި އެވެ.

މެމްބަރުން ވަކިކުރެވޭ ޕެޓިޝަން، އަދާލަތު ޕާޓީގެ އޮފީހާ ހަމްޒާ ހަވާލުކުރަނީ.-

އޭނާ ކުރިން ވިދާޅުވި ގޮތުގައި ޖަލްސާތަކަށް ހާޒިރުނުވާ މެމްބަރުންނާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ނުކުރައްވާ މެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބެން ޖެހެ އެވެ. ރައްޔިތުންގެ ތާއީދު ގެއްލޭ ހިސާބުން، އެ މެމްބަރަކަށް މަގާމުގައި ހުރެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލިހުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭ ގޮތަށް ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި އުސޫލުތައް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތް ވެސް ހިމެނެ އެވެ.