އެއާޕޯޓްގައި ބަހައްޓާ ފޮއްޓަށް ހުރިހާ ދާއިރާއެއްގެ މީހުން ވޯޓު ލާނެ!

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ވާނީ މިހާތަނަށް އެންމެ ގިނަ ދާއިރާތައް ހިމެނޭ އިންތިހާބަށެވެ. މި އިންތިހާބުގައި ބަހައްޓާ 501 ވޯޓު ފޮށީގެ ތެރެއިން ގިނަ ފޮށިތަކަށް އެތައް ދާއިރާއެއްގެ ބަޔަކު ވޯޓު ލާނެ އެވެ.


ވޯޓު ލާން ރަޖިސްޓްރީކޮށްފައިވާ ގޮތަށް ބަލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބަހައްޓާ ފޮށި ވާނީ ތާރީޚީ އެއްޗަކަށެވެ. ދެން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ 87 ދާއިރާއަށް ނިސްބަތްވާ މީހުން އެ ފޮއްޓަށް ވޯޓު ލާން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި 2000 އަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރާ އިރު އެއާޕޯޓާ ގުޅުން ހުރި އެހެން ކަންކަމުގައި އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު ވެސް ހަރަކާތްތެރިވެ އެވެ. އެހެންކަމުން އިންތިހާބީ ދާއިރާތައް ބެހިފައިވާ 87 ދާއިރާގެ މީހުން ވީއައިއޭގައި، އެޕްރީލް 6 ވަނަ ދުވަހު ތިބޭނެ އެވެ.

އެ ފޮށީގެ އިތުރުން ދެން އެންމެ ގިނަ ދާއިރާތަކުގެ މީހުން ވޯޓު ލާން ރަޖިސްޓްރީކޮށްފައި ވަނީ ސްރީ ލަންކާގައި ބަހައްޓާ ޑަބްލިޔު 1.1.3.0 ފޮއްޓަށެވެ. އެ ފޮއްޓަށް ވޯޓު ލާން 85 ދާއިރާއަކަށް ނިސްބަތްވާ މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެމީހުންގެ ތެރޭގައި ނުހިމެނޭ ހަމައެކަނި ދެ ދާއިރާ އަކީ މަކުނުދު އާއި ވެލިދޫ ދާއިރާ އެވެ.

މިފަހަރުގެ އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރާ އިރު ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 264،589 އެވެ.