ނަޝީދުގެ މަޖުބޫރުކަމެއް އަޅުގަނޑަކަށް ނޯންނާނެ: ރައީސް

އެމަނިކުފާނަށް ބާރު އަޅުއްވައިގެން ނުވަތަ މަޖުބޫރު ކުރައްވައިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަންކަން ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.


"މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުގެ ތެރެއިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނާއި ނަޝީދު ވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކު ވަކި ކަމެއް ކުރައްވަން ވިދާޅުނުވާނެ ކަމަށެވެ. އަދި ވިދާޅުވީ، ދެ ބޭފުޅުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ވަރަށް ސާފުކޮށް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު ކުރާނީ މިވެނި ކަމެއް ކަން ވެސް [ނަޝީދަށް] އެނގިވަޑައިގަންނަވާނެ. އަޅުގަނޑަށް ވެސް އެނގޭ ރައީސް ނަޝީދު ކުރައްވާނީ ކޮން ކަމެއް ކަން. ކޮންމެހެން އަޅުގަނޑު ކައިރީ މިވެނި ކަމެއް މިހެން ކުރާށޭ ވިދާޅެއް ވެސް ނުވާނެ. ވިދާޅުވާކަށް ނުވެސް ޖެހޭނެ. އެ އަށް ވުރެ ބޮޑަށް އެނގޭނެ އަޅުގަނޑުމެން އެކަކު އަނެކަކަށް. އެހެންވީމާ އެއްވެސް މީހަކަށް އަނެކަކު މަޖުބޫރު ކޮށްގެނެއް ނޫން މިދަނީ. ކުރާކަށް ނުވެސް ޖެހެނެ،" ކުޑައިރުއްސުރެ ނަޝީދާ އެކު ގާތްގުޅުމެއް ބާއްވަމުން ގެންދަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ސިޔާސީ އެއްވުންތަކުގައި ރައީސް ބައެއް ވާހަކަފުތައް ވިދާޅުވަނީ ނަޝީދުގެ މަޖުބޫރުކަމާ އެކު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެކަމަކު، ރައީސް އެކަން ދޮގުކުރައްވަ އެވެ.

"އަޅުގަނޑުގެ ޒިންމާއެއް ޕާޓީ ރަނގަޅަށް ހިނގާތޯ ބެލުން. އަޅުގަނޑުގެ ޒިންމާއެއް ޕާޓީގެ ހަމަ މަގަށް އެޅުވުން. އެއީ އަޅުގަނޑު ޕާޓީގެ އެންމެ އިސް މީހެއްގެ ގޮތުން ހުންނަ ކަމަށް ވަންޏާ އަޅުގަނޑު ކުރަންޖެހޭނެ ކަންތައް. އަޅުގަނޑުގެ ޒިންމާއެއް ޕާޓީ އަށް ރަނގަޅު ގޮތްތައް ހޯދައިދިނުން. އިލެކްޝަނެއްގައި [އެމްޑީޕީ އަށް] ކާމިޔާބު ހޯދައިދޭން މަސައްކަތް ކުރުން އެއީ އަޅުގަނޑުގެ ޒިންމާއެއް،" ރައީސް

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނާއި ނަޝީދުގެ ގުޅުން އަދިވެސް ވަރަށް ރަނގަޅެވެ. މާދަމާ ބާއްވާ އާންމު އިންތިޚާބުގެ ކެމްޕެއިނަށް ވެސް ދެބޭފުޅު ދަތުރުފުޅު ކުރެއްވީ މަޝްވަރާ ކުރައްވައި ވަކި ތާވަލެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވަނީ ޕާޓީގައި މަގާމުގެ ޒިންމާ އަދާކުރައްވާ ކަމަށް

އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާއިރު، އެ ޕާޓީގެ އެންމެ އިސް ވެރިއަކީ އެއީ ކަމަށް އެމްޑީޕީގެ އަސާސީ ގަވައިދުގައި އޮތް ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ޕާޓީގައި އެމަނިކުފާނުގެ ދައުރު ތަފުސީލުކޮށް ލިޔެފައި ނެތް ކަމަށެވެ. އެކަމަކު، ޕާޓީގެ ރައީސްގެ ދައުރު ތަފުސީލް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާއިރު، އެ ޕާޓީގެ އެންމެ އިސް ވެރިއަކީ އެއީ ކަމަށް ބަޔާން ކޮށްފައި އޮތަސް އެ ބޭފުޅެއްގެ ދައުރު އަސާސީ ގަވައިދުގައި ތަފުސީލްކޮށް ނެތުމުން އެ މަގާމުގެ އެއްވެސް މަސްއޫލިއްޔަތެއް އަދާނުކުރައްވަނީތޯ ދެންނެވުމުން އެކަމާ ރައީސް އިންކާރު ކުރެއްވި އެވެ.

"އަޅުގަނޑުގެ ޒިންމާއެއް ޕާޓީ ރަނގަޅަށް ހިނގާތޯ ބެލުން. އަޅުގަނޑުގެ ޒިންމާއެއް ޕާޓީގެ ހަމަ މަގަށް އެޅުވުން. އެއީ އަޅުގަނޑު ޕާޓީގެ އެންމެ އިސް މީހެއްގެ ގޮތުން ހުންނަ ކަމަށް ވަންޏާ އަޅުގަނޑު ކުރަންޖެހޭނެ ކަންތައް. އަޅުގަނޑުގެ ޒިންމާއެއް ޕާޓީ އަށް ރަނގަޅު ގޮތްތައް ހޯދައިދިނުން. އިލެކްޝަނެއްގައި [އެމްޑީޕީ އަށް] ކާމިޔާބު ހޯދައިދޭން މަސައްކަތް ކުރުން އެއީ އަޅުގަނޑުގެ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.

"ޑެއިލީ ތަފުސީލުކޮށް މަސައްކަތެއް ކުރަން ނެތަސް ޕާޓީން ކުރާ އެ ކަހަލަ ހުރިހާ ކަމެއްގައި އަޅުގަނޑުގެ ޒިންމާ އަޅުގަނޑު އަދާކުރަންޖެހޭ."