އަލަށް ވޯޓުލެވޭ 3،059 ޒުވާނުން، އުންމީދުން ފުރިފައި

މިއަދު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި 3،059 މީހުންނަށް އަލަށް ވޯޓުލެވޭއިރު، އަލަށް ހޮވާ މެމްބަރުންނާ މެދު އެ ޒުވާނުން ކުރަނީ ފޮނި އުންމީދުތަކެވެ. ކުރިމަގަށްޓަކައި ގިނަ ކަންތައްތަކަކަށް މި ޒުވާނުން އުންމީދުކުރެ އެވެ.


އާންމު އިންތިޚާބަށް "މިހާރު" ން ހެދި ޚާއްސަ ވެބްސައިޓުގައިވާ މައުލޫމާތުތައް ދައްކާ ގޮތުން، މި ފަހަރު އަލަށް ވޯޓުލާ އާބާދީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ޒުވާނުން ވޯޓުލަނީ ކަނޑިތީމު ދާއިރާ އަށެވެ. ވެބްސައިޓުގައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ފޮއްޓަށް 56 ޒުވާނަކު ވޯޓުލަ އެވެ.

އަލަށް ވޯޓުލާ އާބާދީގެ ތެރެއިން އެންމެ މަދުން ވޯޓުލަނީ ކެޔޮދޫ ދާއިރާ އަށެވެ. އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ އެ ދާއިރާ އަށް ވޯޓުލެވޭނީ ފަސް ޒުވާނަކަށެވެ.

މި އިންތިޚާބުގައި 87 ދާއިރާ އަށް 264،442 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

މަޖިލިސް އިންތިހާބުގައި އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ތ. އަތޮޅުގެ ވޯޓު ފޮއްޓަކަށް ވޯޓުލީ މީހެއްގެ އިނގިލީގައި ވޯޓުލީކަމުގެ ފާހަގަ ޖަހަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އަލަށް ވޯޓުލީ ޒުވާނުންގެ ތެރޭގައި ހިމެނޭ އަހުމަދު ޖައިޝަން ބުނީ އާ ރައްޔިތުންގެ މަޖިލިހަކީ، ވަރަށް އުންމީދީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ މަޖިލިހަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މަޖިލިހަށް އިންތިޚާބުކުރާ މެމްބަރުން ނަޒާހަތްތެރި ބަޔަކަށް ވުމަށް އޭނާ އިލްތިމާސް ކުރި އެވެ.

"ގަބޫލު ކުރަނީ އަޅުގަނޑު ވޯޓުލި، ކެންޑިޑޭޓު ހޮވި، ރައްޔިތުންގެ ހައްގުގައި އާއި ދާއިރާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށް. އަމިއްލަ އެދުން އިސް ނުކުރާނެ ކަމަށް އުންމީދު ކުރަނީ. މަޖިލިހުގެ ހުރިހާ މެމްބަރުން ވެސް ގާނޫނީ ޒިންމާ އަދާކުރަން ވާނެ،" މާލޭގެ ފޮއްޓަކަށް ވޯޓުލި އެ ޒުވާނާ ބުންޏެވެ.

އެހެން ޒުވާނަކު ބުނި ގޮތުގައި، ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުންނާ ގުޅުން ހުރި މުހިންމު ބިލްތަކެއް ފާސް ކުރަންޖެހޭ ތަނެކެވެ. އެހެންވެ، އެތަނުގައި މަސައްކަތް ކުރަން ވާނީ ރައްޔިތުންނަށް މަންފާ އާއި ލާބަ ލިބޭ ގޮތަކަށް ކަމަށާއި އެތަނަށް އަންނަންވީ، އެ ކެންޑިޑޭޓެއްގެ "ވިޔަފާރި ފުޅާކުރަން" ނޫން ކަމަށް އޭނާ ބުންޏެވެ.

މަޖިލިސް އިންތިހާބުގައި އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ތ. އަތޮޅުގެ ވޯޓު ފޮއްޓަކަށް މީހަކު ވޯޓުލަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ގަލޮޅު ދެކުނު ދާއިރާގެ ފޮއްޓަކަށް ވޯޓުލި ޒުވާނަކު ބުނީ އެ ދާއިރާގެ ގިނަ ޒުވާނުން އެންމެ ބޮޑަށް ބޭނުންވެފައި ތިބީ ބޯހިޔާވަހިކަން ކަމަށެވެ. އެހެންވެ، ކޮންމެ މެމްބަރަކު މަޖިލިހަށް އިންތިޚާބުވި ކަމަށް ވިޔަސް، އެކަމަށް މަސައްކަތްކޮށް ދޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.

"ބޯހިޔާވަހިކަމުގެ އިތުރުން ވަޒީފާއެއް ނެތުމުގެ ދަތިކަން އެބަހުރި. އެހެންވީމާ އަޅުގަނޑު އުންމީދު ކުރަނީ މި ފަސް އަހަރުގެ ތެރޭގައި އެކަންކަން ހައްލުވާނެ ކަމަށް،" އެ ޒުވާނާ ބުންޏެވެ.

އަހުމަދު އަޝްރަފް ބުނީ މިދިޔަ ރައްޔިތުންގެ މަޖިލިސްތަކުގައި މެމްބަރުންނަށް ރައްޔިތުންގެ ހައްގުގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެއްވިފައި ނުވާ ކަމަށެވެ. އެހެންވެ، އެ ކަން ދެން އޮންނަ މަޖިލިހުގައި ބަދަލުވެ ރައްޔިތުންނާ އެކު މަސައްކަތް ކުރާނެ މަޖިލިހަކަށް ވުމަކީ ކުރާ އުންމީދެއް ކަމަށް އޭނާ ބުންޏެވެ.

"މިދިޔަ މަޖިލިހުގެ ޖަލްސާތަކުގައި ބޮޑަށް ފެނުނީ ތަޅާފޮޅުމާއި ހަމަނުޖެހުން. ރައްޔިތުންގެ ލާބަ އަށް ކުރި މާބޮޑު ކަމެއް ނެތް. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލެއް އަންނަން ބޭނުން ވަނީ. އެހެންވެ، މަޖިލިހުގެ މެމްބަރުން އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުން މުހިންމީ،" އިމާދުއްދީން ސްކޫލްގައި ހުރި ފޮއްޓަކަށް ވޯޓުލި ޒުވާނަކު ވަރަށް ހިތްހަމަޖެހިފައި ހުރެ ބުންޏެވެ.

ސަރުކާރަށް ތާއީދުކުރާ ޕާޓީތަކާއި އިދިކޮޅު ޕާޓީތަކުގެ ވާދަ ވެރިކަން ބޮޑު މި އިންތިޚާބުގައި މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފަ އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ލަފާ ކުރާ ގޮތުގައި މި އިންތިޚާބުގައި 70 ޕަސަންޓު މީހުން ވޯޓުލާނެ އެވެ.