މި އިންތިޚާބުގައި ގާތްގަނޑަކަށް 4،000 މީހުންގެ ވޯޓު ސިއްރެއް ނޫން!

ވޯޓަކީ ވަރަށް ބޮޑު ސިއްރަކަށް ވި ނަމަވެސް މާލެ އާއި ރަށްރަށުގައި މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގާތްގަނޑަކަށް 4،000 މީހުންގެ ވޯޓު ސިއްރުކުރެވޭނެ ގޮތެއް ނެތެވެ.


މި އިންތިޚާބުގައި 87 ދާއިރާ އަށް 264،442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.

މަޖިލިސް އިންތިޚާބަށް "މިހާރު" އިން ހެދި ޚާއްސަ ވެބްސައިޓުގައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ރީރަޖިސްޓްރީކުރި މީހުންގެ ތެރެއިން 3،993 މީހަކު ވޯޓު ލާ ފޮއްޓަށް، އޭނާ ނިސްބަތްވާ ދާއިރާގެ އެހެން މީހަކު ވޯޓެއް ނުލަ އެވެ. އޭގެ މާނައަކީ އެ 3،993 މީހުންގެ ވޯޓު ސިއްރުނުވާނެ ކަމެވެ. އެހެންކަމުން ވޯޓުގެ ނަތީޖާ އިއުލާން ކުރުމާ އެކު އެ މީހުން ވޯޓު ލީ ކެންޑިޑޭޓު ވެސް އެނގޭނެ އެވެ.

މީގެ އިތުރުން ވެސް ވޯޓު ސިއްރުނުވުމުގެ ފުރުސަތު އޮތް 3،256 މީހަކު ރީރަޖިސްޓްރީކޮށްފައިވެ އެވެ. އެގޮތަށް ދިމާވަނީ އެއް ފޮއްޓަކަށް އެއް ދާއިރާއަކަށް ވޯޓު ލާ އެންމެ ދެ މީހުން ތިބުމެވެ. އޭގެ މާނައަކީ އެއިން ފޮއްޓަކަށް އެތަނުން އެކަކު ވޯޓު ނުލައިފި ނަމަ ދެން ހުރި މީހާގެ ވޯޓުގެ ސިއްރުކަން ގެއްލުމެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ވޯޓުލާން ޖެހޭ ތަންތަނުގެ ސަބަބުން ވޯޓުގެ ސިއްރު ކަން ގެއްލޭ މީހުން އެހެން ތަންތަނަށް ރަޖިސްޓްރީވާން ފުރުސަތު ދޭ ކަމަށެވެ. މި އިންތިޚާބުގައި ވެސް އެ ފުރުސަތު ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު"ގެ ވެބްސައިޓުގައިވާ އިންތިޚާބާ ގުޅޭ މައުލޫމާތުތަކުން، އެންމެ ޝައުގުވެރި އެއް ކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަހައްޓާފައި ފޮއްޓަށް 87 ދާއިރާގެ މީހުން ވެސް ވޯޓު ލުމެވެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި 2،000 އަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރެ އެވެ. އޭގެ އިތުރުން އެއާޕޯޓްގެ އެކި ކަންކަމުގައި ދުވާލަކު އެތައް ސަތޭކަ ބަޔަކު އެތަނަށް ގޮސް އައިސް އުޅެ އެވެ.

ސަރުކާރަށް ތާއީދުކުރާ ޕާޓީތަކާއި އިދިކޮޅު ޕާޓީތަކުގެ ވާދަ ވެރިކަން ބޮޑު މި އިންތިޚާބުގައި މެންދުރާ ހަމައަށް 70،000 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓު ލައިފަ އެވެ. މި އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރެ އެވެ.