އަދާލަތު ޕާޓީއަށް ސުމެއް!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ބައެއް ގޮނޑިތައް އަދާލަތަށް ލިބިދާނެ ގޮތަށް އެމްޑީޕީން "ދޫދިން" ކަމަށް ފެނުނަސް، އެއްވެސް ގޮނޑިއެއް ކާމިޔާބުނުކުރެވި ސުމެއްގައި އޮވެ އިންތިހާބު ނިންމާލައިފި އެވެ.


މަޖިލީހުގެ 87 ދާއިރާގެ ތެރެއިން އަދާލަތު ޕާޓީން ނުވަ ދާއިރާއެއްގައި ވާދަކުރި އެވެ. އެކަމަކު އިންތިހާބުގެ ވަގުތީ ނަތީޖާ އިން ފެންނަ ގޮތުގައި، މިހާރުގެ މަޖިލިހުގައި އަދާލަތު ތަމްސީލްކުރައްވާ މަކުނުދޫ ދާއިރާގެ އަނާރާ ނައީމަށް ވެސް ގޮނޑި ދިފާއެއް ނުކުރެއްވުނެވެ.

އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީން ވާދަކުރި މުހައްމަދު ރާއީ އެވެ.

އެމްޑީޕީން ވަނީ އަދާލަތަށް ތާއީދުކުރުމުގެ ގޮތުން މަހިބަދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ ނަން އަނބުރާ ނަގައިފަ އެވެ. އެކަމަކު އެ ދާއިރާއިން އަދާލަތު ތަމްސީލްކުރެއްވި އަލީ އާޒިމް ދިޔައީ ތިން ވަނަ އަށެވެ.

މަޖިލީހުގައި މިވަގުތު އިންނެވި އަދާލަތު ޕާޓީގެ ހަމައެކަނި މެމްބަރު އަނާރާ: އެމްޑީޕީގެ މެމްބަރާ ވާދަކުރައްވައި، ގޮނޑި ވަނީ ގެއްލިފައި

މީގެ އިތުރުން ވައިކަރަދޫ ދާއިރާ ވެސް އަދާލަތަށް ލިބިދާނެ ގޮތަށް ސަރުކާރުގެ ތެރެއިން ކޮންމެވެސް މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން އެ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހުސެއިން ޒިޔާދު (ފިއްޓެ)ގެ ކެމްޕޭނަށް ވުރެ އަދާލަތު ޕާޓީގެ ކެންޑިޑޭޓް ހުސެއިން ސަގީފުގެ ކެމްޕެއިން ވަރުގަދަކޮށް ގެންދިޔަ ތަން ވެސް ފެނުނެވެ. ނަމަވެސް ގޮނޑި ކާމިިޔާބުކުރެއްވީ، ކުރިން ގައުމީ ޒުވާން ފުޓްބޯޅަ ޓީމުތަކުގެ ފޯވަޑަކަށް ކުޅުއްވި ފިއްޓެ އެވެ.

އިންތިހާބުގެ ކުރިން ހަ ދާއިރާއެއްގައި އެމްޑީޕީން ވާދަނުކުރާނެ ގޮތް ހެދޭތޯ އެ ޕާޓީއާ އެކު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަދާލަތުން މަޝްވަރާކުރި އެވެ. އެކަމަކު އެމްޑީޕީން ނަން ނެގީ ހަމައެކަނި މަހިބަދޫ ދާއިރާ އިންނެވެ.