އިންފްލުއެންޒާ ވެކްސިން ޖެހޭ ގޮތް ޓްރީޓޮޕުން ހަމަޖައްސައިފި

އިންފްލުއެންޒާ ބަލިން ރައްކާތެރިވުމަށް ޖަހާ އިންފްލުއެންޒާ ވެކްސިން ފަސޭހައިން ޖެހޭނެ އިންތިޒާމެއް ޓްރީޓޮޕް ހޮސްޕިޓަލުން ހަމަޖައްސައިފި އެވެ.


އިންފްލުއެންޒާ ބައްޔާ ދެކޮޅަށް ޖަހާ ވެކްސިނަކީ އަހަރަކު އެއް ފަހަރު ޖަހަން ޖެހޭ ވެކްސިނެކެވެ. ސަބަބަކީ އެ ބަލި ފަތުރާ ވައިރަސް އަކީ ކޮންމެ އަހަރަކު ކޮންމެވެސް ވަރަކަށް ބަދަލުވަމުން އަންނަ ވައިރަސް އަކަށް ވާތީ، އެ ބައްޔާ ދެކޮޅަށް ޖަހާ ވެކްސިނަށް ވެސް ކޮންމެ ހަ މަހަކުން ބަދަލުތަކެއް ގެންނާތީ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް މި ބަލި ފެތުރޭނެ ކަމަށް ލަފާކުރެވޭތީވެ އެ ބައްޔާ ދެކޮޅަށް ވެކްސިން ޖަހަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އިންފްލުއެންޒާ ވެކްސިނަކީ ޑޮކްޓަރުގެ ލަފައަށް ފަހު ޖެހޭ ވެކްސިނަކަށް ވާތީ، އެ ޓްރީޓޮޕުން ވަނީ އާންމުބަލިތަކުގެ ޑޮކްޓަރަކަށް ހިލޭ ދެއްކޭނެ ގޮތް ހަމަޖައްސައިފަ އެވެ. އަދި ވެކްސިންގެ އަގު ހިމަނައިގެން ވެކްސިން ޖަހައިދެނީ ބޮޑެތި މީހުންނަށް 240ރ. އަށް ކަމަށާއި ކުޑަކުދިންނަށް 215ރ. އަށް ކަމަށް އެތަނުން ބުންޏެވެ. ވެކްސިން ޖެހުމުގެ ކުރިން ހާއްސަ ޑޮކްޓަރަކަށް ދައްކަން ޖެހޭ ނަމަ އެ ކަންތައް ހަމަޖައްސައިދޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

އިންފްލުއެންޒާ ޖެހުމުން ނުރައްކާވާނެ މީހުން މި ބައްޔާއި ދެކޮޅަށް ވެކްސިން ޖަހަން ހާއްސަ ސަމާލުކަމެއް ދޭން އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ. އޭގެ ތެރޭގައި ޑައަލިސިސް ހަދާ މީހުންނާއި ހަ އަހަރު ނުވާ ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނެ އެވެ.