އިންފްލުއެންޒާ ވެކްސިން ޖެހުމަށް ޑޮކްޓަރުން އިލްތިމާސްކޮށްފި

އިންފްލުއެންޒާ ރޯގާ ފެތުރުން އިތުރުވެދާނެތީ އެ ބަލިން ރައްކާތެރިވުމަށް ޖަހަން ޖެހޭ އިންފްލުއެންޒާ ވެކްސިން ވީހާ ވެސް އަވަހަކަށް ޖެހުމަށް ޑޮކްޓަރުން އިލްތިމާސް ކުރަން ފަށައިފި އެވެ.


މިދިޔަ އަހަރު ވެސް އެތައް ބަޔަކަށް އިންފްލުއެންޒާ ޖެހުނެވެ. މިދިޔަ އަހަރު ވަނީ އެ ރޯގާ ޖެހިގެން ރާއްޖޭން މީހަކު ވެސް މަރުވެފަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު ރާއްޖެ އިން 200 އަށް ވުރެ ގިނަ މީހުންނަށް އިންފްލުއެންޒާ ޖެހުނު އިރު ހަ މީހަކު މަރުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ، ވޭތުވެދިޔަ ދެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިންފްލުއެންޒާ ރޯގާ ފެތުރުމުގެ ބިރު ބޮޑު ކަމަށް ބުނެފަ އެވެ.

އައިޖީއެމްއެޗްގެ ސީނިއާ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް ވިދާޅުވިގޮތުގައި އުމުރުން ހަ މަހުން މަތީ އެންމެން ވެސް އިންފްލުއެންޒާ ވެކްސިން ޖެހުން ވަރަށް މުހިންމެވެ.

އެ ބަލި ފަތުރާ ވައިރަސް އަކީ ކޮންމެ އަހަރަކު ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަ ވައިރަސް އެއް ކަމަށް ވާތީ، އެ ބަލިން ރައްކާތެރިވާން ޖަހާ ވެކްސިނަށް ވެސް ކޮންމެ ހަ މަހަކުން ބަދަލު ގެނެ އެވެ.

އިންފުލުއެންޒާ ވެކްސިން:

* ވެކްސިންޖެހޭނެ އެންމެ ޅަ އުމުރަކީ 6 މަހާއި 9 އަހަރާ ދެމެދު.

* 3 އަހަރު ނުވާނަމަ ޑޯޒަކީ 0.25 އެމްއެލް.

* ބޮޑެތިމީހުންނަށް ޖަހާ ޑޯޒަކީ 0.5 އެމްއެލް.

* ހަ މަހާއި ހަ އަހަރާ ދެމެދުގެ ކުދިން، ފުރަތަމަ ޑޯޒް ޖަހާތާ އެއް މަސް ފަހުން ދެ ވަނަ ޑޯޒެއް ޖަހަން ޖެހޭ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ އަފީފް ވިދާޅުވިގޮތުގައި އެ ވެކްސިން ޖެހުމުން އެ ރޯގާ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަން ކުޑަ ވާނެ އެވެ. އަދި ވެކްސިން ޖަހާފައިވާ މީހަކަށް ރޯގާ ޖެހުނު ނަމަވެސް ފަސޭހައިން ރަނގަޅުވުމުގެ ފުރުސަތު ބޮޑު ކަމަށް އަފީފް ވިދާޅުވި އެވެ.

"ވެކްސިން ޖަހާފައިވާ ނަމަ ބޮޑުވަރު ނުވެ ސަލާމަތް ވުމުގެ ފުރުސަތު ބޮޑު. އެހެންކަމުން މި ވެކްސިން ޖެހުން ވަރަށް މުހިންމު،" ތަޖުރިބާކާރު ޑޮކްޓަރު އަފީފް ވިދާޅުވި އެވެ.

އިންދުލުއެންޒާއާ ގުޅޭ މައުލޫމާތު--

ހާއްސަކޮށް ދިފާއީ ބާރު ދަށް މީހުން ކޮންމެހެން ވެސް ވެކްސިން ޖަހަން ޖެހޭ ކަމަށް އަފީފް ވިދާޅުވި އެވެ. އެގޮތުން ހަކުރު ބަލި ހުންނަ މީހުންނާއި މާބަނޑު މީހުންގެ އިތުރުން ކިޑްނީ ބަދަލުކޮށްފައިވާ މީހުންނާއި ނޭވާ ލުމުގެ މައްސަލަ ހުންނަ މީހުން ކޮންމެހެން ވެސް އެ ވެކްސިން ޖަހަން ޖެހޭ ކަމަށް އަފީފް ވިދާޅުވި އެވެ.

"އެ ފަރާތްތަކަށް ރޯގާގެ އަސަރުކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ. އެހެންކަމުން ކޮންމެހެން ވެސް ވެކްސިން ޖެހުން މުހިންމު،" އަފީފް ވިދާޅުވި އެވެ.

އެސްޓީއޯ އާއި އޭޑީކޭގެ ބޭސް ފިހާރަތަކުން އެ ވެކްސިން ގަންނަން ލިބެ އެވެ. އަދި ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނަކުން ވެސް ވެކްސިން ޖަހައިދެ އެވެ.