އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރުކަން ކުރަން ޝައުގުވެރިކަން އެބަހުރި: ނަޝީދު

އަންނަ މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


ޕީއެސްއެމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަނޑައަޅުއްވަނީ އަބަދުވެސް އެ ގުރޫޕުގެ މެމްބަރުން ކަމަށާއި އެ މަގާމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން އެމަނިކުފާނު ވެސް ގެންގުޅުއްވާ ކަމަށެވެ. އަދި ބޮޑު ޕާލަމެންޓްރީ ގުރޫޕެއް އޮތަސް، އެ ހުރިހާ މެމްބަރުންގެ ޚިޔާލާ އެކު އެ ގުރޫޕްގެ މަސައްކަތްތައް ކުރިިއަށް ގެންދާނީ އެއްވެސް މެމްބަރަކު ބާކީ ކުރުމެއް ނެތި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޝައުގުވެރިކަން ހުރި އެމްޑީޕީ ޕީޖީ ގްރޫޕް ލީޑުކުރަން. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް 60،70 ބޭފުޅުންނާ އެކީގައި ހުރިހާ އެންމެން ރަހުމަތްތެރިކަމާ އެކީގައި މަޝްވަރާ ކުރަމުން ކަންކަން ކުރިއަށް ގެންދެވޭނެ. އަޅުގަނޑު ނުދެކެން އެއީ އުނދަގޫ ކަމަކަށް ވެދާނެ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މިހާރުގެ ލީޑަރަކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ކާމިޔާބު ކުރެއްވި މުހައްމަދު އަސްލަމެވެ. އޭގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ ޕީޖީގެ ލީޑަރުކަން ކުރެއްވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަސްލަމް، އެމްޑީޕީގެ ޕީޖީ ލީޑަރުކަން ކުރައްވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 22 ން ފެށިގެންނެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މިހާރުގެ ލީޑަރު އަސްލަމް: ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އަސްލަމް ހަމަޖެއްސުމަށް ނަޝީދު ގެންދަވަނީ ކެމްޕެއިން ކުރައްވަމުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނަޝީދު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް ގެންނެވުމަށް ނަޝީދު ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. އެކަމަކު، އެކަމާ މެދު ގޮތެއް ނިންމަވާނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.

ނަޝީދު މިރޭ ވިދާޅުވި ގޮތުގައި އާ މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު ވަޑައިގަތުމުގެ ޝައުގުވެރިކަމެއް ނެތެވެ. އެއީ، މަޖިލިހަށް ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގަތީ މަސައްކަތް ކުރެއްވުމަށް ކަމަށް ވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ފަހަރުގެ އާންމު އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނަޝީދު ވިދާޅުވީ، އާ މަޖިލިހުގެ ރައީސްގެ މަގާމަށް އެންމެ ރަނގަޅު ބޭފުޅަކީ އަސްލަމް ކަމަށެވެ. އަދި ސަބަބުތައް ވެސް ވިދާޅުވި އެވެ.

"އަސްލަމްގެ އެ ތަޖްރިބާ އެބަހުރި. މަޖިލީހުގެ އެކި އަޚުލާގާއި މަޖިލީހުގެ އެކިއެކި އުސޫލުތައް ވެސް ވަރަށް ބޮޑަށް ސާފުވެ ވަޑައިގަންނަވާނެ. ގާނޫނުއަސާސީ އަށް ވެސް ފަރިތަވެ ވަޑައިގަންނަވާނެ. އަދި އާންމު ދިރިއުޅުމުގައި ވެސް އެ ބޭފުޅާ އަކީ ނަޒާހަތްތެރި ބޭފުޅެއް،" އަސްލަމަށް ތައުރީފު ކުރައްވައި ނަޝީދު ވިދާޅުވި އެވެ.