ގެއެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ

މާލޭގެ ގެއެއްގައި ރޭ މެންދަމު އަލިފާން ރޯވެ، ގެއްލުންތައް ލިބިއްޖެ އެވެ.


އެމްއެންޑީއެފުން ބުނީ ގ. ރެޑްޕާލް ގޭގައި ރޯވިކަމަށް ރިޕޯޓްކުރީ ރޭ މެންދަމުން އަލިވެ 3:45 ގައި ކަމަށެވެ. ރޯވީ ގޭގެ ދެވަނަ ފަންގިފިލާގައި ހުރި ލަކުޑި ސިޑިއެއްގައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ގޭގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ 4:30 އެހާއިރު އެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގ. ރެޑްޕާލް ގޭގެ ލަކުޑި ސިޑިއެއް އަނދާފައި. --ފޮޓޯ: އެމްއެންޑީއެފް

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް ދުމުގެ އަސަރުކޮށް، ނޭވާލާން އުނދަގޫ ވެގެން ހަތް މީހަކަށް ހޮސްޕިޓަލުން ފަރުވާދޭން ޖެހުނު ކަމަށެވެ. އެ ސެންޓަރުގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ދުމުގެ އަސަރު ކުރި ބައެއް މީހުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި ދެން ތިބި މީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވުމާ ގުޅިގެން ގޭގެ މީހުން އެވަގުތު އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަަމަށެވެ. އެމީހުންނަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ވަނީ އެހީތެރިކަން ދީފަ އެވެ.