ޝެންގެން ވިސާ ޖަހަން ރާއްޖޭގައި ދާއިމީ އޮފީހެއް ހަދަން މަޝްވަރާކޮށްފި

ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދަތުރުކުރަން ބޭނުންވާ ޝެންގެން ވިސާ ޖަހަން މާލޭގައި ދާއިމީ އޮފީހެއް ހެދުމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ޖަރުމަނު ސަރުކާރާ މަޝްވަރާކޮށްފި އެވެ.


ފޮރިން މިނިސްޓްރީން ބުނީ މި މަޝްވަރާތައް ކުރީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ކަމަށެެވެ.

ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު ވެސް ޝާހިދާއި މާސް މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވައި މާސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރުމަށާއި އޮމާން ކަމާ އެކު އެއް ސަރުކާރުން އަނެއް ސަރުކާރަށް ބާރުތައް ބަދަލުކުރުމަށް ޖަރުމަނާއި ޔޫރަޕިއަން ޔޫނިއަނުން ދިން އެހީތެރިކަމަށް ޝާހިދު ޝުކުރު އަދާ ކުރެއްވި އެވެ.

ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު ލަތީފާއި ސަފީރުގެ ނައިބު މުހައްމަދު ޖިނާހާއި މިނިސްޓަރުގެ ކައުންސެލާ ޝިރުޒިމަތު ސަމީރު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ޝާހިދު ޖަރުމަނަށް ވަޑައިގަތީ އެ ގައުމުގެ ވެރިރަށް ބާލިންގައި މިހާރު ކުރިއަށްދާ ހަކަތައާ ބެހޭ ކޮންފަރެންސެއް ކަަމަށްވާ "ފިފްތު ބާލިން އެނާޖީ ޓްރާންސިޝަން ޑަޔަލޮގް" ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.