މަރުގެ މައްސަލަ ބަލާ ކޮމިޝަނަށް ޒާހިދު ހާޒިރުކޮށް ބަޔާން ނަގައިފި

މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ބަލާ ކޮމެޓީން، ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.


އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނިގޮތުގައި ޒާހިދު ހާޒިރުކުރީ، ވަޅި ހަރައި ރަހުމުޑަގޮތަކަށް މަރާލިި ބްލޮގާ ޔާމީން ރަޝީދާ ގުޅޭގޮތުން 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އޭނާ ކޮށްފައިވާ ޓްވީޓްތަކާ މެދު ސުވާލު ކުުރުމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިހާބުގައި ހިތަދޫ މެދު ދާއިރާއަށް ވާދަކުރަން ނިންމެވުމަށް ފަހު ނަން އަނބުރާ ގެންދެވި ޒާހިދު ވަނީ މިދިޔަ އަހަރު މަރާލި ޔާމީނަށް އިންޒާރުގެ ގިނަ ޓްވީޓްތަކެއް ކޮށްފަ އެވެ. ނިއު ޕޯޓް ހިންގާ ސްޓްރާޑާ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޒާހިދުގެ ބައެއް ޓްވީޓްތަކުގައި މަރުގެ އިންޒާރު ވެސް ދީފައިވެ އެވެ.

ޔާމީން ވަނީ މި ޓްވީޓްތައް ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެކަމަކު އޭރު ފުލުހުން އެކަމާ އަޅައެއް ނުލި އެވެ.

މަރުގެ މައްސަލަތައް ބެލުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމިޝަން އުފެއްދެވީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ 24 މައްސަލައެއް އަންނަނީ ބަލަމުންނެވެ.

އޭގެ ތެރެއިން ބައެއް މައްސަލަތައް މިހާރު ބަލާ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ދޭ ބިލް މަޖިލީހުން ފާސް ނުކުރާތީ ދަތިތަކާ ދިމާވާ ކަމަށް އެތަނުން ވަނީ ބުނެފަ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޯޓަށް ހުށަހެޅޭނީ އެ މައްސަލަ ބަލާ އިދާރާއަކަށް ދިން ބަޔާން އެކަނި ކަމަށްވާތީ އެވެ. ނަމަވެސް ބަލައި ނިމިފައި ހުރި މައްސަލަތަކުގައި ކުރިއަށްދާނެ ވަކި ގޮތެއް އަދި ނުނިންމަ އެވެ.

ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލީ ދީނީ ޚިޔާލު ތަފާތުވުންތަކެއްގެ ތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށް ވަނީ ދައުވާކޮށްފަ އެވެ.