ގަވާއިދާ ހިލާފުވާ ބިދޭސީން ފޮނުވާލެވެންދެން ބައިތިއްބާނެ ސެންޓަރެއް ހުޅުވައިފި

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލެވެންދެން ބައިތިއްބާނެ ޑިޓެންޝަން ސެންޓަރެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.


ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ގަވާއިދާ ހިލާފަށް ވަރަށް ގިނަ ބިދޭސީން ރާއްޖޭގައި އުޅޭ ކަމަށާއި ސަރުކާރުގެ އަމާޒަކީ އެ މައްސަލައަށް ހައްލެއް ހޯދުން ކަމަށެވެ. އަދި ބިދޭސީންގެ ހައްގުތައް ހިމާޔާތްވާނެ ފަދަ ގޮތަކަށް ސަރުކާރުން އަމަލްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުޅުމާލެ ޑިޓެންޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެ މަސައްކަތުގައި އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ ކަންކަން ކުރުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކާއި ރާއްޖޭގެ ގާނޫނުތަކާ އަދި އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން މި ދަނީ މަސައްކަތްތަކެއް ކުރަމުން،" އިމްރާން ވިދާޅުވި އެވެ.

މީގެ ކުރިން އެފަދަ ބިދޭސީން ބަހައްޓަމުން އައީ އާންމު ގައިދީން ވެސް ބައިތިއްބާ ސެންޓަރެއްގަ އެވެ. ނަމަވެސް ދެން އެ މީހުން ގެންދާނީ އަލަށް ހުޅުވި ތަނަށެވެ.

އާ ޑިޓެންޝަން ސެންޓަރުގައި ތިބޭ ބިދޭސީންގެ އިންސާނީ ކަރާމާތް ރައްކާތެރިކުރާނެކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ޖަލުތައް އިސްލާހުކުރަން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އެ މަސައްކަތުގައި ކަރެކްޝަނަލް ސާވިސަސްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާ ސެންޓަރުގައި ޖުމްލަ 40 މީހުން ބޭތިއްބޭނެ އެވެ. އެގޮތުން އެ ތަނުގައި ހަދާފައިވާ ބޮޑު ދެ ކޮޓަރިން ކޮންމެ ކޮޓަރިއެއްގައި 20 އެނދު ވަނީ ބަހައްޓައިފަ އެވެ.

ހޯމް މިނިސްޓްރީން ނިންމާފައި ވަނީ ކުރިއަށް ހަ މަސްދުވަހުގެ ތެރޭގައި އެވަަރުގެ އިތުރު ތިން ބައި ހަދާށެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވިދާޅުވީ އޭގެ ތެރެއިން އެއް ސެންޓަރު ހާއްސަކުރާނީ ބިދޭސީ އަންހެނުންނަށް ކަމަށެވެ.

އާ ސެންޓަރުގެ ހަތަރު ބްލޮކް ނިމުމުން މުޅި ތަނުގައި އެއް ފަހަރާ 160 ބިދޭސީން ގެންގުޅެވޭނެ އެވެ.

މިއަދު ހުޅުމާލޭގައި ހުޅުވި އާ ޑިޓެންޝަން ސެންޓަރުގެ ކޮޓަރިއެއް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އާސިފް ވިދާޅުވީ އާ ސަރުކާރު އައީ ކަރެކްޝަނަލް ސާވިސްއާ މެދު ރައްޔިތުންގެ ތެރޭގައި ހިތްނުތަނަވަސްކަމެއް އުފެދިފައިވަނިކޮށް، އެކަމަށް ހައްލެއް ހޯދަން ވައުދުވުމަށް ފަހު ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ޖަލުތައް ތަރުތީބުކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު މި ގެނެވުނު ބަދަލުތަކާ އެކު ޖަލާއި ޑިޓެންޝަން ސެންޓަރު ވަކިކޮށް، ގާނޫނުގައި ބަޔާންކުރެވިފައިވާ ގޮތަށް ބަންދު މީހުން ބަލަހައްޓަން ފެއްޓޭނެ،" އާސިފް ވިދާޅުވި އެވެ.

ބޮޑު ހޯލެއްގައި ބިދޭސީން ބަލަހައްޓަމުން އައި ގޮތުގެ ވީޑިއޯއެއް އާސިފް ދައްކާލަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ ކުރިން ބޮޑު ހޯލެއްގައި ކުނާ އަޅައިގެން ބިދޭސީން ބަލަހައްޓަަމުން ގެންދިޔަ ގެންދިއުން އާ ސެންޓަރާ އެކު މާޒީ ވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސެންޓަރުގައި ތިބޭ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ތަނުގެ މުވައްޒަފުން ބަލަހައްޓާނެ އެވެ. އަދި އެކަށީގެންވާ ސިއްހީ ހިދުމަތް ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ސެންޓަރުތަކުގައި އާންމުކޮށް ބައިތިއްބަނީ 15 ދުވަހާއި އެއް މަސް ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ބައެއް ފަހަރަށް އެއަށް ވުރެ ގިނަ ދުވަހު ވެސް އެފަދަ މީހުން ފޮނުވާނުލެވި ތިބެން ޖެހެ އެވެ.