މުލަކުގައި ބަންނަމުން ދިޔަ ލޯންޗެއްގައި ރޯކޮށްލައިފި

މ. މުލަކުގައި ބަންނަމުން ދިޔަ ލޯންޗެއްގައި ރޭ ރޯކޮށްލައިފި އެވެ.


މެންދަމު ތިނެއް ޖަހާކަންހާއިރު ރޯކޮށްލުމުން، 22 ފޫޓުގެ އެ ލޯންޗު ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.

ލޯންޗުގެ ވެރިފަރާތް، ސައިފުﷲ އަހުމަދު މިއަދު ބުނީ 70،000 ރުފިޔާ ޚަރަދު ކޮށްގެން ބަންނަމުން އައި އެ ލޯންޗުގައި ރޯކޮށްލި އިރު އެ އުޅަނދުގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައި ކަމަށެވެ. އަދި އަންނަ ހަފުތާގައި ބާލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރޯކޮށްލުމުން، އުޅަނދު އޮތް ހަރުގެއާ އެކު އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށް ސައިފުﷲ ބުންޏެވެ.

މުލަކުގައި ރޯކޮށްލި ލޯންޗު އަނދާހުލިވެފައި

''އަޅުގަނޑުމެން ލަފާކުރަނީ މިއީ ސިޔާސީ ވާދަވެރިކަމުގައި ކޮށްފައި އޮތް ކަމެއް ކަމަށް. އަޅުގަނޑުގެ ބައްޕަމެންނަކީ އެމްޑީޕީ ފިކުރުގެ އެ ޕާޓީގެ ކަންތައްތަކުގައި ވަރަށް ހަރަކާތްތެރިވެ އުޅޭ ބައެއް. އެކަމާ ނުރުހުންވެ ބަޔަކު ކޮށްފައި އޮތް ކަމަށް ބެލެވެނީ،" ސައިފުﷲ ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔަ ނަމަވެސް، އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

އއ. މަތިވެރީގައި ހުންނަ ގެސްޓް ހައުސްއެއްގައި ވެސް މިދިޔަ ހަފުތާގައި ވަނީ ރޯކޮށްލައިފަ އެވެ.