ގައުމީ ހެދުންތަކާ އެކު ބަހުގެ ދުވަސް ފާހަގަކޮށްފި

ގައުމީ އެކި ވައްތަރުގެ ހެދުމުގައި ނަލަ ހެދިލައިގެން ތިބިއިރު ވަރަށް ލޯތްބެވެ. ރާއްޖޭގެ ބައެއް ސްކޫލުތަކުގައި، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ބަހުގެ ދުވަސް ފާހަގަކުރުމަށް ދަރިވަރުން ދިޔައީ ގައުމީ އެކި ހެދުންތަކުގަ އެވެ. އަންހެން ކުދިން ދިގުހެދުމާއި ކުރު ހެދުމާއި ކަނޑިކިއާ އަދި ވެސް އެކި ވައްތަރުގެ ހެދުން ލައިގެން ތިބިއިރު ފިރިހެން ކުދިން ފެނިގެން ގިނައިން ދިޔައީ މުންޑާއި ޓީޝާޓުގަ އެވެ.


ބަހުގެ ދުވަހަކީ އިއްޔެ ކަމަށް ވެސް ބައެއް ސްކޫލުތަކުގައި ހަރަކާތްތައް ހިންގާފައިވަނީ އެކި ދުވަސްދުވަހެވެ. އެގޮތުން އިއްޔެ ތާޖުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލާއި އަހުމަދިއްޔާ ސްކޫލުގައި ބަހުގެ ދުވަސް ފާހަގަކޮށްފައިވެ އެވެ.

ތާޖުއްދީން ސްކޫލުގެ ދަރިވަރުން އިއްޔެ ބަހުގެ ދުވަސް ފާހަގަކުރަނީ

ސްކޫލުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ރައިވަރާއި ބަނދި ކިޔުން ހިމެނެ އެވެ،

ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު ވިދާޅުވީ ދަރިވަރުންނަށް ދިވެހި ބަހާ ބެހޭ އެކި މައުލޫމާތު ލިިބޭ ގޮތަށް ސްކޫލުގެ އެކި ދިމާލުގައި ލިއުންތައް ހަރުކޮށްފައި ހުންނާނެ ކަމަށެވެ.

އެ ސްކޫލުގެ ގްރޭޑު 1-6ގެ ދަރިވަރުން އިއްޔެ ދިޔައީ ގައުމީ ހެދުމުގަ އެވެ. އަދި ކްލާހުގައި ވެސް ހަރަކާތްތައް ހިންގާފައިވެ އެވެ.

އަމީނިއްޔާ ސްކޫލުގެ ދަރިވަރުން ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން އެކި ހެދުންތަކުގައި

ބަހުގެ ދުވަސް ފާހަގަކުރުމަށް ހަމައެކަނި ގައުމީ ހެދުމެއް ލުމުން މަގުސަދު ހާސިލްވޭތޯ ގިނަ ބަޔަކު ސުވާލުކުރެ އެވެ. އަދި އެކަމަށް ގިނަ ބަޔަކު ފާޑު ވެސް ކިޔަ އެވެ.

އެކަމަށް ރައްދު ދެއްވަމުން ބަޝީރާ ވިދާޅުވީ ގައުމީ ހެދުން ލުމަކީ އެކަމުގެ ސަބަބުން ދަރިވަރުންނަށް، އެ ހެދުންތަކާ ގުޅޭ މައުލޫމާތު ލިބޭ ކަމެއް ކަމަށެވެ. އެހެންކަމުން ގައުމީ އެކި ހެދުންތައް ލުމާ އެކު ހަރަކާތްތައް ހިންގުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް، ގައުމީ ހެދުމާ އެކު.-- ފޮޓޯ: އަމީނިއްޔާ ސްކޫލު ފޭސްބުކް ޕޭޖް

"މިކަހަލަ ދުވަހެއް އައިމަ މި އެނގިގެންދަނީ ގައުމީ ހެދުން ލާން ދަރިވަރުން ބޭނުންވެފައި ހުންނަ ވަރު. އެގޮތަށް އެ ހެދުންތައް ލައިގެން ކުދިން އެބަ ދަސްކުރޭ ހެދުންތަކާ ގުޅޭ ކަންތައް. ގައުމީ ހެދުންތައް ދިރުވުމައި އާލާކުރުމަކީ ސްކޫލު ކުދިންގެ ޒިންމާއެއް. އެކުދިން އެކަން ނުކުރަންޏާ އުވިގެންދާނެ،" ބަޝީރާ ވިދާޅުވި އެވެ.

ސްކޫލްތަކުގައި ދިވެހި ބަހުގެ ދުވަސް ފާހަގަކުރީ އެކި ގޮތަށެވެ. ބައެއް ސްކޫލްތަކުގައި ދަރިވަރުން ބަހަށް ހޭލުންތެރިކުރުވުމުގެ ގޮތުން ނޫސް ފަދަ އެއްޗެހި ތައްޔާރުކުރުން ވެސް އޮތެވެ. އަދި ދިވެހި ބަހުގެ ބައިތަކާ ގުޅޭ އިތުރު ހަރަކާތްތަައް، ދަރިވަރުންގެ މެދުގައި ބޭއްވި އެވެ.