އިންތިގާލީ އަދާލަތުގެ ކޮމިޝަނެއް އުފައްދައި ބޮޑެތި ބާރުތަކެއް ދެނީ

އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް "އިންތިގާލީ އަދާލަތު"ގެ ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ތަހުގީގު ކުރުމުގެ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް މިއަދު ބިލެއް ހުށަހަޅައިފި އެވެ.


ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވި ބިލްގެ ބޭނުމަކީ ނިޒާމީ ސިފައެއްގައި ރޭވިގެން މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ ހިންގުންތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ކަންކަން ބަލައި ތަހުގީގުކޮށް އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ އާއި ދެރަ ލިބިފައިވާ މީހުންނަށް އިންސާފު ހޯދުމެވެ.

މިއީ އަމަން އަމާންކަން ދަމަހައްޓައި މަދަނީ މަސްލަސްކަމަށް ޖާގަ ދިނުމާއި ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުމާއި އަދުލު އިންސާފަކީ ވުޖޫދުގައި އޮތް އެއްޗެއް ކަމުގެ ޔަގީންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބުނެ ހުށަހެޅި ބިލެއް ކަމަށް އޭގައި ބުނެފައިވެ އެވެ.

ބިލްގައިވާ ގޮތުން ކޮމިޝަނުން ތަހުގީގުކުރަން ޖެހޭނީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ހިނގި މައްސަލަތަކެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މަޖިލިސް

ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފަ އެވެ.

މި ބިލަށް އަމަލު ކުރަން ފެށުމާއެކު އިންތިގާލީ އަދާލަތުގެ ކޮމިޝަނެއް ރައީސްގެ ގަރާރަކުން އުފައްދަން ޖެހެ އެވެ. ކޮމިޝަން އެކުލެވިގެން ވަނީ ރައީސް އައްޔަންކުރާ ފަސް މެމްބަރުންގެ މައްޗަށެވެ. އަދި ކޮމިޝަނަށް ޗެއާޕާސަނަކު އައްޔަން ކުރާނީ ވެސް ރައީސެވެ.

މި ބިލްގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މުއައްސަސާއަކުން ނުވަތަ އިދާރާއެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން އެއްވެސް މީހެއްގެ އިންސާނީ ހައްގުތަކަށް ނުވަތަ އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ މައްސަލަތައް ބެލުމުގެ އިހްތިސާސް މި ބިލުން މެމްބަރުންނަށް ލިބެ އެވެ. އިންސާނީ ހައްގުތަކާ ހިލާފަށް ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި އިޖުރާއުތައް އުވާލުމުގެ ބާރު ވެސް ލިބެ އެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހަކު ފިލައިގެން ގޮސްފާނެ ކަމަށް ބެލެވޭ ހާލަތުގައި އެފަދަ ފަރާތްތަކުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ބޭނުންވާ ކޯޓު އަމުރަށް އެދުމާއި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރަން ޖެހިއްޖެ ހާލަތެއްގައި ނަމަ، އެފަދަ މީހުން ހައްޔަރު ކުރުމުގެ އަމުރަކަށް ކޮމިޝަނުން ކޯޓުގައި އެދެވިދާނެ ކަމަށް ބިލްގައިވެ އެވެ.

ބިލުން ކޮމިޝަނަށް ލިބޭ ބައެއް ބާރުތަކުގެ ތެރޭގައި ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހެން މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާއި ކޮމިޝަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށާއި ހެކި ބަސް ނެގުމުގެ ބޭނުމުގައި ކޮމިޝަނަށް މީހުން ހާޒިރު ކުރުން ހިމެނެ އެވެ.

ކޮމިޝަނަށް ހާޒިރުވާން އަންގާ މީހަކު، ހާޒިރުނުވެއްޖެ ނަމަ، އެމީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމަށް ބޭނުންވާ ކޯޓު އަމުރަށް އެދުމާއި ފަންނީ އެހީތެރިކަން ބޭނުން ނަމަ، ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކުގެ އިންވެސްޓިގޭޓަރުން ގެނައުމުގެ ބާރު ވެސް ކޮމިޝަނަށް ލިބެ އެވެ.

މީގެއިތުރުން ތަހުގީގުތަކާ ގުޅުން ހުރި ކަމަށް ފެންނަ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދުމަށް އާންމު ތަންތަން ބަލައި ފާސްކޮށް އެފަދަ ތަކެއްޗާއި ތަންތަން ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނައުމަށް ބޭނުންވާ ކޯޓު އަމުރަށް އެދުމުގެ ބާރު ވެސް ބިލުން ކޮމިޝަނަށް ލިބިދީފައިވެ އެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހަކު ފިލައިގެން ގޮސްފާނެ ކަމަށް ބެލެވޭ ހާލަތުގައި އެފަދަ ފަރާތްތަކުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ބޭނުންވާ ކޯޓު އަމުރަށް އެދުމާއި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރަން ޖެހިއްޖެ ހާލަތެއްގައި ނަމަ، އެފަދަ މީހުން ހައްޔަރު ކުރުމުގެ އަމުރަކަށް ކޮމިޝަނުން ކޯޓުގައި އެދެވިދާނެ ކަމަށް ބިލްގައިވެ އެވެ.

ބިލްގައިވާ ބާރުތަކުގެ އިތުރުން ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ގާނޫނުގެ ދަށުން ތަހުގީގަށް ލިބިގެންވާ އެންމެހައި ބާރުތައް ކޮމިޝަނަށް ދީފައިވެ އެވެ. އަދި ދައުލަތުގެ މުއައްސަސާއަކަށް އަންގާ އެންގުމަކަށް އަމަލުނުކޮށްފި ނަމަ، އެކަމަށް އިންކާރު ކުރާ މީހަކާ މެދު ފިޔަވަޅު އެޅުމަށް ކޮމިޝަނަށް އެދެވޭނެ އެވެ.

ބިލްގައިވާ ގޮތުން "އިންތިގާލީ އަދާލަތުގެ އޮމްބުޑްސްމަން" އޮފީހެއް އުފައްދާނެ އެވެ. ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރުމަށް ފަހު، ހުށަހަޅަން ޖެހޭނީ އެ އޮފީހަށެވެ. އަދި ޖިނާއީ ދައުވާއެއް ކުރަން ޖެހިއްޖެ ނަމަ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަދި މަދަނީ ދައުވާއެއް ކުރަން ޖެހިއްޖެ ނަމަ، ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމުގެ ބާރު އޮމްބުޑްސްމަން އޮފީހަށް ލިބިގެންވެ އެވެ.

އޮމްބުޑްސްމަންގެ އޮފީހެއް ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ އިރު، އެ އޮފީހަށް އައްޔަން ކުރާ މީހެއްގެ ކިބައިގައި ސުޕީރިއަ ކޯޓުގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ހުންނަން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ. އަދި ބޭރުގެ ފަރާތްތައް އޮފީހަށް އައްޔަން ކުރުމަށް ހުރަސް ނާޅާ ކަމަށް ބުނެފައިވެ އެވެ.

މައްސަލައެއް ޕީޖީ އޮފީހަށާއި ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލުމާ މެދު އެ ދެ ތަނުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ. އަދި ދައުވާ ކުރަން ޕީޖީ އަށް ނުވަތަ ބަންޑާރަ ނަައިބު އޮފީހަށް ފެނިއްޖެ ނަމަ، އެ މައްސަލަތައް ގިނަވެގެން 45 ދުވަހުގެ ތެރޭގައި ކޯޓުން ބަލައި ހުކުމް ކުރަން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ.