ނިއު ޕޯޓް ވިއު ހިންގަނީ ގާނޫނާ ޚިލާފަށް، ހުސްކުރަން ހަރުކަށި އިންޒާރެއް!

ރާޅުގަނޑު ސަރަހައްދުގައި ނިއު ޕޯޓް ވިއު ރެސްޓޯރެންޓް މިހާރު ހިންގަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، އެންގުމާ އެއްގޮތަށް އެތަން ހުސްކުރަން ޕްލޭނިން މިނިސްޓްރީން ހަރުކަށި އިންޒާރެއް މިއަދު ދީފި އެވެ.


ނިއު ޕޯޓް ވިއު ހިންގާ ބިން ސްޓާރާޑާ ކުންފުންޏާ ސެޕްޓެމްބަރު، 22، 2016 ގައި ތިން އަހަރަށް ހަވާލުކުރީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓްފޯމެއް ތަރައްގީކުރާށެވެ. އެ ޕްލެޓްފޯމާ އެކު އެ ސަރަހައްދުގައި ރެސްޓޯރަންޓަކާއި ސިނަމާއެއްގެ އިތުރުން ފުޓްސަލް ދަނޑެއް ތަރައްގީކުރަން ވެސް ހައުސިން މިނިސްޓްރީން ސްޓްރާޑާ އަށް ހުއްދަ ދިނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ އެއްބަސްވުމަށް ފަހުން ބަދަލު ގެނެސް މުއްދަތު އަށް އަހަރަށް އިތުރުކުރީ އެވެ.

އޭރު ސްޓްރާޑާގެ މެނޭޖިން ޑިރެކްޓަރަކީ އޭރު ވެރިކަން ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި ފަހުން ޕީއެންސީގެ ކައުންސިލްގައި ވެސް ހިމެނުނު ޒާހިދު ރަމީޒެވެ. ނަަމަވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ޒާހިދު ވަނީ ފަހުން ދޫކޮށްލައި އޭނާގެ އަންހެނުންނާ ހަވާލުކޮށްފަ އެވެ. ހިއްސާދާރުންގެ ގޮތުގައި ތިބެނީ ޒާހިދާއި އޭނާގެ އަންހެނުންނެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަހުން ހެދި އެއްބަސްވުމާ އެއްގޮތަށް، ޑިސެމްބަރު، 1، 2018 އިން ފެށިގެން ކުލި ދައްކާފައި ނުވާ ކަމަށެވެ. އެހެންވެ، މިނިސްޓްރީ އަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން މި މަހުގެ ހަތް ވަނަ ދުވަހު އެއްބަސްވުން ބާތިލްކޮށް، ބިން ހުސްކުރަން އަންގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ވުމާއެކު މިހާރު ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް އިން އެ ސަރަހައްދުގައި ފުޑް އައުޓްލެޓް ހިންގަވަމުން ގެންދަނީ ގަވާއިދާ ޚިލާފަށް ކަމުގައި ދަންނަވަމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީން ބުނިގޮތުގައި އެންގުމާ އެއްގޮތަށް ބިން ހުސްނުކޮށް، އެ ބިމުގައި ވިޔަފާރި ކުރަމުންދާތީ، އެކަން ހުއްޓުވުމަށް ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް އޮންނަ އުސޫލްގެ މަތިން ފުރިހަމަކުރަން ވަނީ ފަށައިފަ އެވެ.

އެ ބިން ހުސްކުރުމަށް ފަހު އެތަން ބާއްވަން ނިންމާފައި ވަނީ ހިތްފަސޭހަ، ފެހި ސަރަހައްދެއްގެ ގޮތުގަ އެވެ.