ހުޅުމާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް، ނިއްވާނުލެވި އެތައް އިރެއް!

ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓް ކުރިމަތީގައި އޮންނަ ހުސް ބިމުގައި ރޯވި އަލިފާންގަނޑު ނިއްވާނުލެވި ހަތް ގަޑިއިރަށް ވުރެ ގިނަ އިރުވެއްޖެ އެވެ.


އެ ބިމުގައި ބޯކޮށް ހެދިފައިވާ ވިނަގަނޑާއި ގަސްތަކުގައި ރޯވީ މިއަދު މެންދުރު ފަހު 1:30 ހާއިރެވެ. އަލިފާންގަނޑު މިހާރު ކޮންޓްރޯލްވެފައި ވިޔަސް އަދިވެސް މުޅިން ނިއްވައެއް ނުލެވެ އެވެ. ވިނަތަކުގައި ހުޅު އަދިވެސް ރޯވެ އަނދަމުން އެބަދެ އެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންނާއި އެއާޕޯޓުގައި އުޅޭ ފަޔަ އެންޑް ރެސްކިއު ޓީމުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާން ރޯވި ސަރަހައްދަކީ ހުޅުމާލޭގައި މިހާރު އެންމެ ބޮޑަށް ގަސް ހެދިފައި އޮންނަ ދިމާލެވެ. އެތަނުގައި ރޯވީ ކީއްވެގެން ކަމެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ.

އެތަނުގައި ރޯވުމާ އެކު، ލޯކަލް މާރުކޭޓު ކައިރީގައި ހަދާފައިވާ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑް ވަނީ ބަންދުކޮށްފަ އެވެ. އަދި ފުލުހުން ވަނީ ބަގީޗާ މަގުގެ ބޮޑު ބަޔަކާއި ފިތުރޯނު މަގުގެ ބޮޑު ބައެއް ވެސް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.

މަގުތައް ބަންދުކޮށްގެން ފުލުހުން އަދިވެސް ފޯރިމަރަމުން ދާއިރު، އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފާއި އެއާޕޯޓުގެ ފަޔަ ލޮރީތައް ދަނީ ބޭނުން ކުރަމުންނެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ދުމުގެ އަސަރު ކުރަމުން އަންނަ އެއް ބަޔަކީ އަމީން އެވެނިއުގެ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުންނެވެ. ބައެއް މީހުން ބުނީ ބޮޑު ހިސާބުގަނޑަކަށް ދުންތައް ފެތުރިފައިވާތީ ބޭރަށް ނުކުމެ ހަދަން ވެސް އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"ކުޑަ ދޮރުތަކާ އެއްޗެހި ލައްޕައިގެން މިތިބީ. ދުމުގެ އަސަރު ވަރަށް ބޮޑަށް އެބަހުރި. ބޭރަށް ނުކުމެ، ވިޔަފާރިކޮށްލަން ވެސް މިރޭ ވަރަށް އުނދަގޫ،" އަމީން އެވެނިއުގެ އެޕާޓްމަންޓެއްގައި ދިރިއުޅެމުން އަންނަ ފާތުމަތު ރިޝްމާ، 26 "މިހާރު" އާ ވާހަކަ ދައްކަމުން ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި، ދުންގަނޑު އެންމެ ބޮޑަށް ފެތުރުނީ ހަވީރު ވަގުތުގަ އެވެ. އެކަމަކު، މިހާރު ދުންގަނޑު ކުރިއަށް ވުރެ މަދު ކަމަށް ވެސް އެ މީހާ ބުންޏެވެ.

މިއީ، ހުޅުމާލޭގައި މި ފަހުން، ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާ އެވެ.

ހުޅުމާލޭގައި ހަދާފައިވާ ރޯހައުސްތަކެއްގައި އޮގަސްޓް 31، 2014 ގައި އަލިފާން ރޯވެ، ބައެއް ރޯހައުސްތަކުގެ ބޮޑު ބައެއް އެނދި އެވެ. ހުކުރު ދުވަހެއްގެ، ހުކުރު ގަޑީގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަށި އެކެއް، ދޭއް، ތިނެއް، ހަތަރެއްގައި އަލިފާން ރޯވެ ގެއްލުންވި އިރު، މަށި ފަހެއް އަދި ހައެކަށް އަލިފާނުގެ އަސަރު ކުރި އެވެ. މި ރޯހައުސްތަކުގައި ދިރިއުޅެމުން ދިޔައީ އެކިއެކި އާއިލާތަކުގެ މީހުންނެވެ.