ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ވެހެން ފަށައިފި

ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ މަރުކަޒު، މެޓުން މިއަދު ބުނެފި އެވެ.


ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވާތީ ހުރިހާ ރަށެއްގައި އިއްޔެ ވަނީ އިސްތިސްގާ ނަމާދު ވެސް ކޮށްފަ އެވެ. މިއީ ވާރޭ ނުވެހި ފެނަށް ޖެހުމުން ވާރޭ ވެއްސަވާތޯ ﷲގެ ހަޟްރަތުގައި ދުއާ ދެންނެވުމަށް ކުރާ ސުންނަތް ނަމާދެކެވެ.

އެ ނަމާދު ކުރަމުން ދިޔަ ވަގުތުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރައިގެ އަސަރު ކުރަމުންނެވެ. އަދި ރޭ ވަނީ މާލެއަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހިފަ އެވެ.

މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިހާރު ރާއްޖެ ގުނަމުން މިދަނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް ކަަމަށް ވާ އައްސިދައިގެ ދުވަސްތަކެވެ.

"މިއީ އަދި ހުޅަނގު މޫސުމުގެ ވިއްްސާރައެއް ނޫން. ހުޅަނގު މޫސުން ފެށޭނީ މޭމަހުގެ މެދު ތެރޭގައި، މިއީ ދެ މޫސުން ބެދޭ ވިއްސާރަ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރި ނަމަވެސް ކަނޑު ދަތުރު ފަތުރު ނުކުރެވޭ ވަރަށް ކަނޑު ގަދަވާނެ ކަމަކަށް ނުބެލެވެ އެވެ. މުޅި ރާއްޖެއަށް ވެސް ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރަނީ ގަޑިއަކު ފަސް މެއިލާއި 15 މެއިލާ ދެމެދުގެ ބާރު މިނެއްގަ އެވެ.