އަލް ޖަޒީރާގެ ޑޮކިއުމެންޓްރީ ޝެޑިއުލުން ނަގައިފި، ދެން ދައްކާނެތަ؟

ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ ޕްރޮގްރާމް ގައިޑުން މިރޭ ނަގައިފި އެވެ. އެކަމަކު، ކުރިން ވެސް ތާވަލުކޮށްފައިވާ ގޮތަށް އެ ޑޮކިއުމެންޓްރީ ދައްކާނެ ކަމަށް ވެ އެވެ.


ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާއިން ވަނީ ތަހުގީގީ ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށްފަ އެވެ. މި ޑޮކިއުމެންޓްރީ އަލް ޖަޒީރާ ޓީވީން އަންނަ އާދިއްތަ ދުވަހު، ރާއްޖެ ގަޑިން ހަވީރު 5:00 ދައްކަން ނިންމައި ޕްރޮގްރާމް ގައިޑު ހިމަނާފައި އޮތެވެ.

އެކަމަކު، އަލް ޖަޒީރާގެ ވެބްސައިޓުގައި މިހާރު ހިމަނާފައިވާ ޕްރޮގްރާމް ގައިޑުގައި، އާދިއްތަ ދުވަހު އެ ޑޮކިއުމެންޓްރީ ދައްކާ ގޮތަކަށް ނެތެވެ. ހޯމަ ދުވަހާ ޖެހެންދެން ދައްކާނެ ޕްރޮގްރާމްތައް ހިމެނޭ މި ގައިޑުގައި އެ ދުވަހު ވެސް ޑޮކިއުމެންޓްރީ ތާވަލުކޮށްފައެއް ނުވެ އެވެ.

އެކަމަކު، އަލް ޖަޒީރާ ޓީވީ ދައްކާ އޮންލައިން ސްޓްރީމިން ވެބްސައިޓުތަކުގައި ހިމެނޭ ގައިޑުތަކުގައިވާ ގޮތުން ހަމަ ކުރިއެކޭ ވެސް އެއްގޮތަށް އެ ޑޮކިއުމެންޓްރީ ދައްކާނެ އެވެ. އަދި "ސްޓީލިން ޕެރެޑައިސް"ގެ ނަން ދީފައިވާ ޑޮކިއުމެންޓްރީގެ ރިޕީޓު ބުދަ ދުވަހު ދައްކަން ހަމަޖައްސާފައިވާ ކަމަށް ވެސް އެ ވެބްސައިޓުތަކުން ދައްކަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަލް ޖަޒީރާގެ ޕްރޮގްރާމް ގައިޑުން ޑޮކިއުމެންޓްރީ އުނިކުރިޔަސް ކުރިން ވެސް ތާވަލުކޮށްފައިވާ ގޮތަށް އާދިއްތަ ދުވަހު ދައްކާނެ އެވެ.

އަލް ޖަޒީރާގެ ޕްރޮގްރާމް ގައިޑުން ޑޮކިއުމެންޓްރީ ނެގުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ މީހުން ގެންދަނީ ސޯޝަލް މީޑިއާގައި އުފާ ފާޅުކުރަމުންނެވެ. މި ދަނޑިވަޅުގައި، ޑޮކިއުމެންޓްރީގެ އެއް ޕްރޮޑިއުސަރު ވިލް ޖޯޑަން ވަނީ ސުވާލުމާކުތަކެއް ހިމެނޭ ފޮޓޯއެއް ޓުވީޓުކޮށްފަ އެވެ.

ވިލް ޖޯޑަންގެ ޓުވީޓު

މި ޑޮކިއުމެންޓްރީ ރޭ އިނގިރޭސިވިލާތުގައި ނެރެން ހަމަޖެއްސުމަށް ފަހު އެ ހަފުލާ ވަނީ ފަހުން ކެންސަލްކޮށްފަ އެވެ. އެ ގޮތަށް ނިންމި ސަބަބު އަދި ސާފު ނުވާއިރު، އެ ހަފުލާ އަށް ދައުވަތު ދިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ހުންނެވީ ލަންކާގަ އެވެ.

ސަރުކާރަށް ނިސްބަތްވެވަޑައިގެންނަވާ އެކި ބޭފުޅުން ގެންދަވަނީ އެ ޑޮކިއުމެންޓަރީގައި ހުރެދާނެ ކަމަށް ބެލެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. އެ ގޮތުން، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ އެއީ އިިދިކޮޅު ފަރާތްތަކުން އަލް ޖަޒީރާ އަށް ފައިސާ ދީގެން ހަދާފައިވާ ޑޮކިއުމެންޓްރީއެއް ކަމަށް ދޭހަވާ ގޮތަށް ވާހަަކަ ދައްކަވައިފަ އެވެ.

ރާއްޖެއާ ބެހޭ ގޮތުން އަލް ޖަޒީރާ އިން ތަހުގީގީ ޑޮކިއުމެންޓްރީއެއް މި ހެދީ ސަރުކާރަށް ފާޑުކިޔާ ލިޔުންތައް ބޭރުގެ މީޑިއާތަކުގައި ޝާއިއުކުރުން އިތުުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން މިދިޔަ ބުރާސްފަތި ދުވަހު ބުންޏެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ތެލުގެ ވަގު ވިޔަފާރި ހިންގެވި ކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް، ނިއު ޔޯކް ޓައިމްސްގައި ވެސް ވަނީ ރިޕޯޓެއް ޖަހާފަ އެވެ. އެކަމަކު، އޭގައި ބުނާ ވާހަކަތައް ދިވެހި ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.