އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން މަސްވެރިކަމުގެ ބިލް އަނބުރާ ގެންދަން ނިންމައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ހުށަހެޅުއްވި މަސްވެރިކަމުގެ ބިލް, މަސްވެރިންނާއި އާންމުންގެ ގިނަ ބައެއްގެ ބޮޑެތި ކަންބޮޑުވުންތަކާ ގުޅިގެން, އަނބުރާ ގެންދިއުމަށް އޭނާ މިއަދު ނިންމަވައިފި އެވެ.


ބިލަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން ކެއުމަށް ކުރާ މަސް ބޭނުން ފިޔަވައި އެހެން ހުރިހާ މަސްވެރިކަމެއް ވެސް ކުރެވޭނީ ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. އޭގެ ތެރޭގައި މުނިފޫހިފިލުވަން މަހަށް ދިއުމާއި ކުޅިވަރު ކުޅުމުގެ ގޮތުން ބާއްވާ މަސް ރޭސްތައް ފަދަ ކަންކަން ވެސް ހިމެނެ އެވެ.

މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ ބިލް އަނބުރާ ގެންދިއުމަށް މަޖިލިހަށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. ސިޓީ ފޮނުއްވިޔަސް، ބިލް އަނބުރާ ގެންދިޔަކަން މަޖިލިހުގެ ރިޔާސަތުން އިއުލާން ކުރަން ޖެހެ އެވެ. އެހެންވެ، ދެން އޮންނަ މަޖިލިހުގެ ޖަލްސާއެއްގައި އެކަން އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.

އަލިފުށީ ދާއިރާގެ ގޮނޑި އިތުރު ދައުރަކަށް ކަށަވަރު ކުރެއްވި މުހައްމަދު ރަޝީދު ވިދާޅުވީ މަސްވެރިކަމަށް ލޯބިކުރާ މީހުންނަށް ގޮންޖަހާފައި ބިލެއް ހުށަހަޅާ ބޭފުޅަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭ އިސްލާހުތަކެއް ބިލަށް ގެންނަވާނެ ކަމަށް ވެސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ބިލްގައި ބުނެފައިވާ ގޮތުން މަސްވެރިކަމުގެ އިވެންޓުތަކަށް ފީއެއް ނަގާނެ އެވެ.

މުނިފޫހިފިލުވަން ކުރާ މަސްވެރިކަމަށް ވެސް ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ބިލްގައި ހިމެނުނީ އޮޅުކަމުން ކަމަށާއި އެ ބިލް އިސްލާހުކުރަން ނިންމާފައިވާ ކަމަށް އެ މިނިސްޓީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ބޭރަށް އެކްސްޕޯޓްކުރަން މަސްވެރިކަން ކުރެވޭނީ ހުއްދަ ނަގައިގެންނެވެ. ރާއްޖޭގެ މާކެޓަށް ވިއްކަން ކުރާ މަސްވެރިކަމަށް އެއްވެސް ހުއްދައެއް ބޭނުމެއްނުވެ އެވެ. އެކަމަކު އަލަށް ހުށަހަޅާފައިވާ ބިލްގައި ބުނާ ގޮތުން ރާއްޖޭގެ ބާޒާރަށް ވިއްކަން މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް ހުއްދަ ނަގަން ޖެހެ އެވެ.

މިހާރު އަމަލްކުރަމުން އަންނަ މަސްވެރިކަމާ ބެހޭ ގާނޫނު ހެދީ 1987 ގަ އެވެ. ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި އެ ގާނޫނަށް އިސްލާހު ގެންނަން ނިންމީ ޒަމާނީ މަސްވެރިކަމެއް ކުރުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ކުރާށެވެ. އެގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލް ތައްޔާރުކުރީ ދުނިޔޭގެ ކަނޑުތަކުގެ ގާނޫނު އަސްލަކަށް ބަލައިގެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަލަށް ހުށަހަޅާފައިވާ ބިލްގައި، ގާނޫނާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް 400،000ރ. އިން ވެސް ޖޫރިމަނާކުރެވެ އެވެ. އަދި އެއީ ބޭރުގެ ފަރާތެއް ނަމަ އަދަބު ކަނޑައަޅަން ޖެހެނީ ޖޫރިމަނާގެ އަދަދުތައް ފަސް ގުނައަށް ބޮޑުކޮށްގެންނެވެ.

އަލަށް ހުށަހަޅާފައިވާ ބިލުގައި މަސްމެހާމެހި ދިރުވައި އާލާކުރަން، އެކުއަކަލްޗާ ތަރައްގީ ކުރާނެ އުސޫލުތައް ކަނޑައަޅަން ގަވައިދުތައް ހަދަން ވެސް ލާޒިމްކޮށްފައިވެ އެވެ.